ރައީސްގެ ދަރިކަލުންގެ މައްސަލާގައި ފެމިލީ ކޯޓުގެ ހުކުމް އިސްތިއުނާފުކޮށްފި

ރައީސްގެ ދަރިކަލުންގެ މައްސަލާގައި ފެމިލީ ކޯޓުގެ ހުކުމް އިސްތިއުނާފުކޮށްފި

Author
އަހުމަދު
21 ޑިސެމްބަރ 2025 02:36
0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ބެހޭގޮތުން އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކުގެ މައްސަލާގައި ފެމިލީ ކޯޓުން ނިންމި ހުކުމް އިސްތިއުނާފުކުރަން ހައިކޯޓަށް ހުށަހަޅައިފިއެވެ.

މިދިޔަ މާޗް މަހު އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި ރާއްޖޭގައި ވޭޕް މަނާކުރި ނިންމުން ރައީސްގެ ދަރިކަލަކާ ގުޅުވައިގެން މަންދީ ވާހަކަ ދެއްކި މައްސަލާގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ފެމިލީ ކޯޓުގައި މަންދީ އާއި އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ މައްޗަށް ދައުވާކުރެއްވިއެވެ.

ފެމިލީ ކޯޓުން ކުރި ހުކުމުގައި މަންދީ ދެއްކި ވާހަކަތަކުން ރައީސްގެ ދަރިކަލުންގެ ކަރާމާތް ގެއްލިފައިވާ ކަމަށާއި، އެ ވާހަކަތައް މަނާކުރުމުގެ ބަދަލުގައި އެކަމަށް ހިތްވަރު ދީފައިވާތީ އެމްޑީޕީ އާއި ފައްޔާޒް އެކަމަށް ޒިންމާވާން ޖެހޭނެ ކަމަށް ކަނޑައަޅައިފައިވެއެވެ. އެހެންވެ، އެމްޑީޕީ އާއި ފައްޔާޒްގެ ފަރާތުން ބަދަލު ހޯދުމުގެ ހައްގު ފަސްޓްލޭޑީއަށް ލިބިވަޑައިގަންނަވާނެ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

މި ހުކުމާ ދެކޮޅަށް އެމްޑީޕީ އާއި މަންދީ އަދި ފައްޔާޒްގެ ފަރާތުން މިހާރު ހައިކޯޓުގައި އިސްތިއުނާފް ހުށަހަޅައިފައިވާއިރު، އެ މައްސަލައާ މެދު ހައިކޯޓުން އަދި ގޮތެއް ނުނިންމައެވެ.

މީގެ އިތުރުން މި މައްސަލާގައި ފަސްޓްލޭޑީގެ ފަރާތްޕުޅުން ސިވިލް ކޯޓުގައި ވެސް ދައުވާކުރައްވާފައިވެއެވެ. އެ މައްސަލާގައި މިދިޔަ ޖުލައި މަހު ސިވިލް ކޯޓުން ނިންމީ މަންދީގެ ވާހަކަތަކުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ފަސްޓްލޭޑީއަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ފައްޔާޒާއި އެމްޑީޕީން ސީދާ ގޮތެއްގައި ކުރި ކަމަކަށް ނުވާތީ އެ ދެ ފަރާތުން އެކަމަށް ޒިންމާވާން ނުޖެހޭނެ ކަމަށް ވެސް ސިވިލް ކޯޓުން ނިންމިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.