މެލޭޝިއާގެ ކުއާލަ ލަމްޕޫރުގެ އެކި ސަރަހައްދުތަކުން 375 މިލިއަން ޑޮލަރުގެ އަގުހުރި މަސްތުވާތަކެތި އެގައުމުގެ ފުލުހުން އަތުލައިގެންފިއެވެ. އަންގާރަ ދުވަހު ހިންގި ހަތަރު ސިއްރު އޮޕަރޭޝަންގައި ހަތަރު ޓަނުގެ ކޮކެއިން، 14 ޓަނުގެ ކެޓަމީން، ސިންތެޓިކް ޑްރަގް އެމްޑީއެމްއޭ އަދި މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރާ ސާމާނު ހިމެނޭ ގޮތުން ވަނީ ތަކެތި ހިފަހައްޓާފަ އެވެ.
މި އޮޕަރޭޝަންގައި މެލޭޝިއާގެ ތިން ފިރިހެނަކާއި ބިދޭސީ ތިން އަންހެނަކު ހައްޔަރުކޮށް، އެ މީހުންގެ މަސައްކަތުގައި ބޭނުންކުރި ކާރާއި ފޯކްލިފްޓާއި ޓްރަކް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. ނާކޮޓިކްސް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ވެރިޔާ ހުސައިން އުމަރު ޚާން ވިދާޅުވީ މިއީ އެ ގައުމުގެ ތާރީހުގައި އެންމެ ގިނައިން ޑްރަގް އަތުލައިގަތް އެއް ފަހަރަށް ވާނެކަމާ މެދު ސުވާލެއް ނެތް ކަމަށެވެ. އަތުލައިގެންފައިވަނީ 68.5 މިލިއަން މީހުންނަށް ސަޕްލައިކުރެވޭހާ މިންވަރެއްގެ ތަކެތި ކަމަށް އޭނާ ވިދާޅުވިއެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން މެލޭޝިއާގެ މީހަކު ތަކެތި ބަލަހައްޓައި ވިޔަފާރި ހިންގުމުގެ އިތުރުން ކެމިސްޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާއިރު، އޭނާގެ ދަށުން މަސައްކަތްކުރި ދެ މީހުން ވަނީ މީހުން ދިރިއުޅޭ އިމާރާތްތައް ޑްރަގް ލެބްތަކަކަށާއި ގުދަންތަކަކަށް ހަދާފަ އެވެ. މިދިޔަ އޭޕްރީލްމަހުން ފެށިގެން އެކި ގައުމުތަކަށް ޑްރަގް ސަޕްލައިކުރަމުން އައި މި ނެޓްވޯރކް ވަނީ ހަލާކުކޮށްލެވިފަ އެވެ. މެލޭޝިއާ އަކީ މަސްތުވާތަކެތި ސްމަގުލްކުރުމުގައި ޓްރާންސިޓް ހަބެއްގެ ގޮތުގައި ބޭނުންކުރާ ގައުމަކަށްވާއިރު، 2019 ވަނަ އަހަރު 573 މިލިއަން ޑޮލަރުގެ 12 ޓަނުގެ ކޮކެއިން ވެސް އަތުލާފައިވެ އެވެ.
ކޮމެންޓު ފޮނުވާ