އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީގެ ގޮތުގައި މި އަހަރު ދައުލަތަށް 3.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑު އަދަދަކަށް އިތުރުވުމެކެވެ.
މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.74 ބިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.76 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކޮންމެ ބަޔަކުންވެސް ލިބުނީ އެއް ބިލިއަން ރުފިޔާ އެވެ. މިއީ އެއް އަހަރުގެ ތެރޭގައި މި ދެ އާމްދަނީވެސް އިތުރުވި ކަމަށް ދައްކައިދޭ އަދަދުތަކެކެވެ.
އެއާޕޯޓް ޓެކުހާއި ފީން ލިބޭ އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމެވެ. މީގެ އިތުރުން ޓެކްސް ނަގާ ރޭޓް ބޮޑުކުރުމުންވެސް އާމްދަނީ އިތުރުވެފައިވެ އެވެ. މިހާރު އިކޮނޮމީ ކްލާސްގައި ދަތުރުކުރާ ބިދޭސީންގެ ކިބައިން ޑިޕާޗާ ޓެކްސް ނަގަނީ 50 ޑޮލަރު އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ވެސް 50 ޑޮލަރެވެ. ދިވެހިންނަށް އެއީ 12 ޑޮލަރު އެވެ.
ބިޒްނަސް ކްލާސް އަދި ފަސްޓް ކްލާސްގައި ދަތުރުކުރާ މީހުންގެ ކިބައިން ބޮޑެތި އަދަދުތަކެއް ނަގަން ޖެހެ އެވެ. ޕްރައިވެޓް ޖެޓްގައި ދަތުރުކުރާ ފަރާތްތަކުގެ ކިބައިން ޑިޕާޗާ ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނަގަނީ 120 ޑޮލަރާއި 480 ޑޮލަރެވެ. މި ރޭޓުތަކަށް ބަދަލު ގެނައީ މިދިޔަ އަހަރުގެ ޑިސެމްބަރު ފުރަތަމަ ދުވަހުންނެވެ.
ކޮމެންޓު ފޮނުވާ