މެމްބަރު ގަފޫރު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް ހޮވައިފި

މެމްބަރު ގަފޫރު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް ހޮވައިފި

Author
އަހުމަދު
08 ޑިސެމްބަރ 2025 10:42
0

އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ (ގަފޫރު) މިރޭ ހޮވައިފިއެވެ. މިއަދު ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ގަފޫރަށް 65 މެމްބަރުން ވޯޓް ދީފައިވެއެވެ.

ރައީސް ސާލިހްގެ ފެކްޝަނުން ހުށައެޅި ގަފޫރަށް ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި ރައީސް ނަޝީދުގެ ފެކްޝަނުގައި ހިމެނޭ މެމްބަރުން ވެސް ތާއީދު ކޮށްފައި ވެއެވެ. މިއީ ދެ ފެކްޝަނުން ވެސް އެއްބަސްވެގެން ނިންމި ނިންމުމަކަށްވާއިރު، މިކަމުން ޕާޓީގެ ތެރޭގައި އޮތް ޚިޔާލު ތަފާތުކުރުންތައް ކުޑަކުރެވިދާނެ ކަމަށް ލަފާކުރެވެއެވެ.

ވަގުތީ ޗެއާޕާސަން ހޮވަން މިދިޔަ މަހުގެ 30 ވަނަ ދުވަހު ވެސް ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވިއެވެ. ނަމަވެސް އެ ޖަލްސާ ހޫނުވެ ވޯޓުގެ ނަތީޖާ އިއުލާން ނުކޮށް މެންބަރުން ޖަލްސާ ނިންމާލާފައި ވެއެވެ. މިރޭގެ ޖަލްސާ ފެށީ އެރޭ ހުއްޓާލި ހިސާބުންނެވެ. ކުރިން ނެރުނު ރިޕޯޓެއްގައި އެރޭގެ ވޯޓުން ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްލާ ވަހީދު ވަގުތީ ޗެއާޕާސަންކަމަށް ހޮވުނު ކަމަށް ބުނެފައި ވީ ނަމަވެސް، މިރޭގެ ޖަލްސާއަށް ގޮވާލުމުގެ ކުރިން އަބްދުއްލާ ވަހީދު ވަނީ އެ މަގާމަށް ހުށައެޅި ނަން އަނބުރާ ގެންދަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.