މޯލްޑިވިއަނުން އިސްނަގައިގެން، ލަންކާއަށް 3.8 ޓަނުގެ އަސާސީ ތަކެތި ފޮނުވައިދެނީ

މޯލްޑިވިއަނުން އިސްނަގައިގެން، ލަންކާއަށް 3.8 ޓަނުގެ އަސާސީ ތަކެތި ފޮނުވައިދެނީ

Author
އަހުމަދު
07 ޑިސެމްބަރ 2025 08:04
0

މިދިޔަ ނޮވެމްބަރު މަހު އަވައްޓެރި ގައުމު ސްރީލަންކާއަށް ވައިގަދަ ތޫފާން ދީތުވާ އަރައި، އެގައުމުގެ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ހާދިސާގައި ހާލުގައި ޖެހުނު ސްރީލަންކާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ރާއްޖެއިން ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

ގައުމީ އެއާލައިން މޯލްޑިވިއަނުން މަހަލްދީބު ފައުންޑޭޝަނާއި މީޤާތު ހައްޖު އެންޑް ޢުމްރާ ގުރޫޕާ ގުޅިގެން 3.8 ޓަނުގެ ޒަރޫރީ ތަކެތި ސްރީލަންކާއަށް ގެންދިއުމަށް ހަމަޖައްސައިފައިވާކަމަށް ފޭސްބުކްގައި އެ އެއާލައިނުން ހާމަކުރިއެވެ. ތޫފާން ދީތުވާގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް ސްރީލަންކާއަށް އެންމެ ބޮޑު އެހީއެއް ދީފައިވަނީ ރާއްޖެއިންކަމަށް މައުލޫމާތު ލިބެއެވެ. އެކިއެކި ގައުމުތަކުން ލަންކާއަށް ލިބުނު 6.5 މިލިއަން ޑޮލަރުގެ އެހީގެ ތެރެއިން 2.4 މިލިއަން ޑޮލަރު ވަނީ ރާއްޖޭން ހަދިޔާކޮށްފައެވެ.

ދިވެހި ސަރުކާރުން ސްރީލަންކާއަށް ދެލައްކަ ޑޮލަރު ހަދިޔާކުރިއެވެ. އަދި ޕީއެސްއެމާއި އެހެނިހެން މީޑިއާތަކުން އިސްނަގައިގެން ކުރިއަށް ގެންދިޔަ 'ސިލޯނާއެކު ދިވެހީން' ޓެލެތޯނުން އެކަނި އަށްލައްކަ ޑޮލަރު ވަނީ ހޯދައިފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ޔުނިވާސަލް އެންޓަޕްރައިސަސް އިން އެއްލައްކަ ޑޮލަރު ހަދިޔާކުރިއެވެ. ސަން ސިޔާމް ގްރޫޕުން ދެލައްކަ ޑޮލަރު ހަދިޔާކުރުމަށް ނިންމައި، ފުރަތަމަ 75،000 ޑޮލަރު ވަނީ ސްރީލަންކާގެ ސަފީރު މުހައްމަދު ރިޒްވީ ހަސަނަށް ހަވާލުކޮށްފައެވެ. ފައިސާގެ އިތުރުން 25،000 މަސްދަޅު ކޭސް ވެސް ވަނީ އެ ގައުމަށް ފޮނުވައިދީފައެވެ.

ރާއްޖޭން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާ ރައްޔިތުން ވަނީ ހުކުރު ދުވަހުގެ ހަވީރު ބޮޑު އެއްވުމެއް ބާއްވައި، ދިވެހީންނަށް ޝުކުރުވެރިވާ ކަން ފާޅުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.