މާލޭގެ މޭޔަރުކަމުގެ އިންތިހާބަށް އެމްޑީޕީގެ ޓިކެޓު ހޯދުމަށް މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމް ވާދަކުރައްވަމުން ގެންދަވާ އިރު، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރޭ ވިދާޅުވީ މިވަގުތު އެ ޕާޓީއަށް ބޭނުންވަނީ "ކޮންމެ ދުވަހަކު ސަރުކާރު ނީސްތާއްޓަށް އަރުވާލާނެ އިދިކޮޅު މޭޔަރެއް" ކަމަށެވެ.
އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ރާއްޖޭގައި އޮތް ހުދުމުހުތާރު ސަރުކާރު ބަލިކުރުމަށް މާލޭގެ މޭޔަރުގެ މަގާމުގައި ހުންނަ ކެންޑިޑޭޓަކު ބޮޑު ޒިންމާއެއް އަދާކުރަން ޖެހޭ ކަމަށެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ތަންފީޒުކުރާ ސިޔާސަތުތަކާއި ނިންމުންތަކާ ދެކޮޅަށް ފާޅުގައި ބަސްބުނާނެ މޭޔަރެއް ހުރުން ވަރަށް މުހިއްމު ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މޭޔަރެއްގެ ޒިންމާތައް އަދާކުރުމުގެ އިތުރުން މިވަގުތު އެމްޑީޕީއަށް ބޭނުންވަނީ ސަރުކާރު ނީސްތާއްޓަށް އަރުވާލާނެ އިދިކޮޅު މޭޔަރެއް ކަމަށާއި، ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން އެކަމުގައި ފަހަތަށް ނުޖެހޭނީ އަލީ އާޒިމް ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އަލީ އާޒިމަށް ތާއީދުކުރައްވާކަން ހާމަކުރައްވާފަ އެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާނީ އަންނަ އޭޕްރީލް 4 ގަ އެވެ.
ކޮމެންޓު ފޮނުވާ