މަލަކާ ކަނޑުއޮޅިއަށް އެރި ބާރުގަދަ ތޫފާނެއްގެ ސަބަބުން އިންޑޮނޭޝިއާގައި ފެންބޮޑުވެ، 500 އަށް ވުރެ ގިނަ މީހުން މަރުވެ، އިތުރު 500 މީހުން ގެއްލިފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ އޭޖެންސީން ހާމަކޮށްފިއެވެ.
މި ކާރިސާގެ އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ އަޗޭ، ނޯތު ސުމަޓްރާ އަދި ވެސްޓް ސުމަޓްރާ ޕްރޮވިންސަށެވެ. ޖުމްލަ 1.4 މިލިއަން މީހުންނަށް މި ތޫފާނުގެ އަސަރު ކޮށްފައިވާ އިރު، އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފައެވެ.
ބްރިޖުތައް ހަލާކުވެ، މަގުތައް ކިސަޑުން ފުރިފައި ވުމުން ބޮޑެތި ވެހިކަލްތަކަށް ދަތުރު ނުކުރެވޭތީ، އެހީދޭ ފަރާތްތައް ދަނީ ފައިމަގުންނާއި ސައިކަލުގައި އެހީ ފޯރުކޮށްދެމުންނެވެ. ނަމަވެސް ގިނަ ބަޔަކު އަދިވެސް ތިބީ ކާބޯތަކެތި ނުލިބި، ބައެއް މީހުން ނުކައި ތިބޭތާ ދެތިން ދުވަސް ވެފައެވެ.
މި ތޫފާނުގެ އަސަރު އޭޝިއާގެ އެހެން ގައުމުތަކަށް ވެސް ކޮށް، ލަންކާއިން 355 އަދި ތައިލެންޑުން 176 މީހުން މަރުވެފައިވާ އިރު، މުޅި ސަރަހައްދުން މަރުވި މީހުންގެ އަދަދު ވަނީ 1،100 އަށް ވުރެ މައްޗަށް އަރައިފައެވެ.
ކޮމެންޓު ފޮނުވާ