ހުޅަނގު އެފްރިކާގެ ގައުމު ގިނިއާ-ބިސާއޫގައި އަސްކަރީ އޮފިސަރުންގެ ބަޔަކު ބަޣާވާތަކުން ވެރިކަމާ ހަވާލުވެއްޖެއެވެ. އެގައުމަށް ސިފައިން ބަޢާވާތެއް ގެނައީ ރިޔާސީ އިންތިޚާބުގައި ވާދަކުރި ދެ ކެންޑިޑޭޓުން ވެސް އެމީހުންނަށް ކާމިޔާބު ލިބިއްޖެކަމަށް އިޢުލާންކޮށް އިންތިޚާބުގެ ސައްޙަ ކަމާމެދު ސުވާލު އުފައްދާފައި ވަނިކޮށެވެ.
ރައީސް އުމާރޯ ސިސޯކޯ އެމްބާލޯ މިހާރު ހުންނެވީ ހައްޔަރުކުރެވިފައި ކަމަށާއި، އިދިކޮޅު ލީޑަރު ޑޮމިންގޯސް ސިމޯއިސް ޕެރެއިރާ ވެސް ހައްޔަރުކުރެވިފައިވާކަން ރިޕޯޓްތައް ބުނެއެވެ. ބަޣާވާތުގެ ލީޑަރަކީ ރިޔާސީ ގާޑުގެ ކުރީގެ ވެރިޔާ ޑެނިސް އެން’ކަންހާއެވެ. އެމްބާލޯ ވަނީ މީޑިއާއަށް ދިން މައުލޫމާތުގައި، މަޤާމުން ދުރުކުރެވިފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.
ސިފައިންގެ ގްރޫޕުން ބުދަ ދުވަހު ޓީވީ މެދުވެރިކޮށް ބަޔާނެއް ނެރެ، އިންތިޚާބުގެ ކަންތައްތައް ވަގުތުން ހުއްޓާލުމަށް އަމުރުކޮށްފައިވެއެވެ. އެ ޤައުމުގެ ހުރިހާ ބޯޑަރުތައް ބަންދުކޮށް، ރޭގަނޑުގެ ކާފިއު ހިންގުމަށް ވެސް އަމުރުކުރެވިފައިވެއެވެ. އިންޓަނެޓް ކަނޑާލަން ވެސް މަސައްކަތްކުރަމުންދާކަން ރިޕޯޓްތައް ބުނެއެވެ.
ގިނިއާ-ބިސާއޫއަކީ ގާތްގަނޑަކަށް 2.2 މިލިއަން އާބާދީއެއް އޮންނަ، 1974 ވަނަ އަހަރު ޕޯޗުގަލްގެ ކިބައިން މިނިވަންކަން ލިބުނު ޤައުމެކެވެ. މިނިވަންކަން ލިބުނު ފަހުން އެ ޤައުމުގައި ގިނަ ބަޣާވާތްތައް ހިނގާފައިވެއެވެ. މި ހަފްތާގެ އިންތިޚާބުގެ މިނިވަންކަމާމެދު ސިވިލް ސޮސައިޓީ ގްރޫޕްތަކާއި އޮބްޒާވަރުން ވަނީ ސުވާލު އުފައްދާފައެވެ.
ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ޖަމިއްޔާއާއި އެފްރިކާގެ ޔޫނިއަނުން ވަނީ މި ބަޣާވާތާ މެދު ކަންބޮޑުވުން ފާޅުކޮށް، ހައްޔަރުކުރެވިފައިވާ މީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވެސް ވަނީ ހުރިހާ ފަރާތްތަކަށް ހަމަޖެހިގެން ތިބުމަށާއި ޤާނޫނުގެ ވެރިކަމަށް އިޙްތިރާމްކުރުމަށް އިލްތިމާސްކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ