200 ޕްރޮޖެކްޓަށް ލޯނު ދޫކުރަނީ ކްރެޑިޓް ޕޮލިސީއާ އެއްގޮތަށް: ބީއެމްއެލް

200 ޕްރޮޖެކްޓަށް ލޯނު ދޫކުރަނީ ކްރެޑިޓް ޕޮލިސީއާ އެއްގޮތަށް: ބީއެމްއެލް

Author
ހުސައިން
27 ނޮވެމްބަރ 2025 12:56
0

ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓުތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ލޯނުތަކަކީ ބޭންކިންގ ގާނޫނާ ހިލާފު ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކުރި ނަމަވެސް، ބީއެމްއެލްގެ ސްޕޯކްސް ޕާސަން މުހައްމަދު ސައީދު ވިދާޅުވީ އެއީ އެއްވެސް އަސާސެއް ނެތް، ދޮގު މައުލޫމާތުތަކެއް ކަމަށެވެ.

ސަރުކާރުން 53 ކުންފުންޏަކަށް 206 ޕްރޮޖެކްޓް ހަވާލުކޮށްފައިވާއިރު، އެއީ 2.7 ބިލިއަން ރުފިޔާގެ މަޝްރޫއުތަކެކެވެ. މި ޕްރޮޖެކްޓުތަކުގެ ތެރޭގައި ބޯހިޔާވަހިކަން، ބިން ހިއްކުން، ތައުލީމީ، ސިއްހީ، ކުޅިވަރު ދާއިރާއިގެ މަޝްރޫއުތަކާއި ވަގުފް އިމާރާތްތައް އެޅުމުގެ ހިސާބުން 123 ރަށެއްގައި ހިންގާ ޕްރޮޖެކްޓުތައް ހިމެނެއެވެ.

ސައީދު ވިދާޅުވީ ބޭންކުން ލޯނު ދޫކުރަނީ ދިވެހިރާއްޖޭގެ ބޭންކިން ގާނޫނާއި ގަވާއިދުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އެކުލަވާލެވިފައިވާ ބޭންކުގެ ކްރެޑިޓް ޕޮލިސީއާ އެއްގޮތަށް، މިނިވަންކަމާއެކު ބޯޑުން ނިންމާ ނިންމުންތަކުގެ ދަށުން ކަމަށެވެ. އަދި ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި ކަސްޓަމަރުންނާއި ހިއްސާދާރުންނަށް އޮޅޭގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕްރޮޖެކްޓްތައް ބީލަމަށް ނުލައި، ހާމަކަމާއި ވާދަކުރުމުގެ ފުރުސަތެއް ނުދީ ސަރުކާރުން ބޭނުންވާ ބަޔަކަށް ދެވޭ ގޮތަށް މާއްލިއްޔަތު ގަވާއިދު ބަދަލުކޮށް މި މަޝްރޫއުތައް ހަވާލުކޮށްފައިވާ ކަމަށާއި، މި މަޝްރޫއުތަކަށް ފައިނޭންސް ކޮށްދީފިނަމަ އޭގައި ޝާމިލުވާ އެންމެނާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.