ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު ޑިސެމްބަރ މަހުގެ 4 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދަންމާލުމަށް މިއަދުގެ ޖަލްސާގައި މެންބަރުން ފާސްކޮށްފިއެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ތިން ވަނަ ދައުރު ނޮވެމްބަރ މަހުގެ ނިޔަލަށް ނިމުމަށް ހަމަޖެހިފައިވީނަމަވެސް، މުހިންމު މަސައްކަތްތައް ނިންމުމަށްޓަކައި ދައުރު ދަންމާލަން ޖެހިފައިވާކަމަށެވެ. މި ހުށަހެޅުމަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ ތެރެއިން 55 މެންބަރުން ތާއީދުކުރައްވައި، ހަތް މެންބަރަކު ދެކޮޅު ހެއްދެވިއެވެ.
އަތޮޅު ކައުންސިލްތައް އުވާލުމާއި ގުޅޭ ގާނޫނީ އިސްލާހުތަކުގެ މަސައްކަތް ނިންމުމަށްޓަކައި މި ދައުރު ދަންމާލަން ނިންމީކަމަށް ބެލެވެއެވެ. އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް ގެނައުމަށް ހުށަހެޅި އިސްލާހު މަޖިލީހުން އިއްޔެވަނީ ފާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ