މި މަހުން ފެށިގެން ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ އާ އޮނިގަނޑަށް އަމަލު ކުރަން ފަށާފައިވާއިރު، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކުޑަވާތީ އެކަމާ ދެކޮޅަށް މިއަދު ކޯޓުތަކުގެ މުވައްޒަފުން ކަޅުހެދުމުގައި އޮފީހަށް ނުކުތުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
މާލެ ސަރަހައްދުގެ އިތުރުން ބައެއް ރަށްރަށުގެ ކޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް މިއަދު ހިމޭން އިހުތިޖާޖެއްގެ ގޮތުގައި ކަޅު ހެދުމުގައި އޮފީހަށް ނުކުތެވެ. އަލަށް ގެނައި ބަދަލުގެ ސަބަބުން ލީގަލް އޮފިސަރުންނަށް ލިބެން ޖެހޭ ބައެއް އިނާޔަތްތައް މަދުވެ، އިތުރު ގަޑީގެ ފައިސާ ކެޕްކުރުމާއި ޖޮބް މެޓްރިކްސްއަށް ގެނައި ބަދަލުތަކުގެ ސަބަބުން ޖުމުލަ ލިބޭ މުސާރަ ކުރިއަށް ވުރެ ވެސް ކުޑަވެފައިވާ ކަމަށް މުވައްޒަފުން ބުނެ އެވެ.
އެ މުވައްޒަފުން އަންނަނީ އެ މީހުންގެ ހުރި ކަންބޮޑުވުންތަކާ އެކު ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅަން ވެސް ތައްޔާރުވަމުންނެވެ. މީގެ ކުރިން ވެސް އެކި އިދާރާތަކުގައި މަސައްކަތް ކުރާ 81 ލީގަލް އޮފިސަރުން ސޮއިކޮށް މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު އެމީހުންނަށް ފައިދާ ނުވާތީ، ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކަށް ޕެޓިޝަނެއް ފޮނުވައިފައިވެ އެވެ.
ކޮމެންޓު ފޮނުވާ