ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ގެއްލުނީ ޕާޓީ ފަޅިވެގެން ދިއުމުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފައްޔާޒު ލިޔުއްވި ސިޓީގައެވެ. އިސްތިއުފާގެ ސިޓީގައި ފައްޔާޒު ވަނީ މީގެ ކުރިން ހާމަނުކުރެއްވި ބޮޑެތި ވާހަކަތަކެއް ހާމަކުރައްވާފަ އެވެ.
ފައްޔާޒު ވިދާޅުވީ 2022 ވަނަ އަހަރު ޗެއަރޕާސަންގެ މަގާމާ ހަވާލުވީ ޕާޓީ ވަރުގަދަކޮށް އެއްބައިވަންތަކަން ގެނައުމުގެ އުއްމީދުތަކާއެކު ކަމަށެވެ. އެ ދުވަސްވަރު ޕާޓީ އޮތީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައީސް މުހައްމަދު ނަޝީދާ ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ. 2022 އޮގަސްޓްގައި ބޭއްވި ކޮންގްރެސްގައި ދެ ފަރާތުން ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރުމަށް އެއްބަސްވެވުނު ކަމަށާއި، އެހެން ނަމަވެސް 2023 ޖެނުއަރީގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ރިޔާސީ ޕްރައިމަރީގައި އެ ދެބޭފުޅުން ވާދަކުރެއްވުމަކީ ޕާޓީއަށާއި ގައުމަށް ބޮޑު ނުރައްކަލެއް ކަމަށް ދެކުނު ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން އޭނާގެ ޓީމާއެކު ފަސް ފަހަރަށް ބައްދަލުކުރި ކަމަށެވެ. އެ ބައްދަލުވުންތަކުގައި ވާހަކަ ދެކެވުނީ ރައީސް ނަޝީދު ޕްރައިމަރީގައި ވާދަ ނުކުރުމަށާއި، ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރުމަށް ނިޒާމީ ވޯޓެއް ނެގުމަށް ކަމަށެވެ. ނަމަވެސް އެއްބަސްވުމަކަށް ނުދެވި އެ ބައްދަލުވުންތައް ހުއްޓާލަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އެފަހުން ރައީސް ޞާލިހުގެ އެދިވަޑައިގަތުމުގެ މަތިން ރައީސް ނަޝީދުގެ ޓީމާއެކު އަލުން ބައްދަލުކޮށް އެއްބަސްވުމަކަށް އާދެވުނު ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެއްބަސްވެވުނީ ޕްރައިމަރީއެއް ނުބާއްވައި ރައީސް ޞާލިހު ވާދަކުރެއްވުމަށާއި، ވެރިކަމުގެ ނިޒާމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ކަމަށެވެ. ނަމަވެސް އެ ވޯޓުގައި ޕާޓީން ވަކި ކޮޅެއް ނުނެގުމަށް އެއްބަސްވި ކަމަށް އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ އެއްބަސްވުމުން އޭނާގެ އުއްމީދު ބޮޑުވެގެން ދިޔަ ކަމަށާއި، ޕާޓީގެ އެއްބައިވަންތަކަން އާރާސްތުކޮށް އިންތިހާބު ކާމިޔާބުކުރެވޭނެ މަގެއް ހޯދުނީސް ކަމަށެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން ޕާޓީގެ ބައެއް އިސްފަރާތްތަކަށް ގަބޫލުކުރެވުނީ އެ އެއްބަސްވުމުގެ ގޮތަށް ކުރިއަށް ނުދިއުމަށް ކަމަށާއި، ޕްރައިމަރީ ނިމުނު އިރު ޕާޓީ ދެފަޅިވެ ރިޔާސީ އިންތިހާބު ގެއްލިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބާ ގުޅިގެން ފައްޔާޒު ވިދާޅުވީ ޑިމޮކްރެޓްސްއާ ކޯލިޝަނެއް ހަދައިގެން އަގުލަބިއްޔަތު ހޯދޭނެ ގޮތަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ޕާޓީގެ އިސް ފަރާތްތަކުން އެއީ ރަނގަޅު ގޮތް ކަމަށް ނުދެކޭތީ ކޯލިޝަން ނުހަދައި ކުރިއަށް ދިޔަ ކަމަށާއި، އެ އިންތިހާބުގައި ގެއްލުނު ގޮނޑިތައް ގެއްލުނީ މަދު ވޯޓަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ދެ އިންތިހާބު ކާމިޔާބު ނުވުމުގެ މައިގަނޑު ސަބަބަކީ ޕާޓީ ފަޅިވެގެންދިއުމުން ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ޕާޓީއަށާއި ސިޔާސީ ނިޒާމާމެދު އޮތް އިތުބާރު ގެއްލިގެން ދިޔުމެވެ. އެ އިތުބާރު އަލުން ހޯދޭނީ ބޮޑެތި ބަދަލުތަކަކާއެކު ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަން ހައްލުކުރުމަށް ނުކުމެ ވަކާލާތު ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ