13 މިލިއަން ސިނގިރޭޓް ވަގަށް ގެންދިޔަ މައްސަލާގައި ދިގަލި ހުންނަމުން ދަނީ ހަނު

13 މިލިއަން ސިނގިރޭޓް ވަގަށް ގެންދިޔަ މައްސަލާގައި ދިގަލި ހުންނަމުން ދަނީ ހަނު

Author
ޙަސަން މުޙައްމަދު
10 ނޮވެމްބަރ 2025 10:52
0

މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ ބަނދަރުން ވަގަށް ގެންދިޔަ މައްސަލައިގައި ފުލުހުން މިހާތަނަށް ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ތަހުގީގަށް އެއްބާރުލުން ދިނުމަށް ދެކޮޅު ހަދަނީ އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އެކަނި ކަމަށް އެނގިއްޖެ އެވެ.

ތަހުގީގާ ގުޅޭ ބައެއް ފަރާތްތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފުރަތަމަ ދުވަހުން ފެށިގެން ދިގަލި އިހުތިޔާރުކޮށްފައި ވަނީ ހަނު ހުންނަމުން ދާ ކަމަށާއި، ދެން ހައްޔަރުކުރި މީހުން ތަހުގީގަށް އެއްބާރުލުން ދޭ ކަމަށެވެ. އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ އެންމެ ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ދިގަލީގެ އިތުރުން ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)، ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ އަދި ކަސްޓަމްސްގެ މުވައްޒަފު ޒިވާރު އިސްމާއިލް ހިމެނެ އެވެ.

މި މައްސަލައިގައި އެމްޕީއެލްގެ ތިން މުވައްޒަފަކު ހިމެނޭ ގޮތުން މިހާތަނަށް ނުވަ މީހުން ހައްޔަރުކޮށްފައިވާއިރު، ގިނަ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވެ އެވެ. ފުލުހުން 19 މީހަކު ފުރުން މަނާކޮށް، ފަސް އުޅަނދާއި މާލެ، ހުޅުމާލެ އަދި ތިލަފުށީގެ 21 ތަނެއް ބަލައިފާސްކޮށްފައި ވެ އެވެ.

މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓް ހުރި ސާޅީސް ފޫޓުގެ ދެ ކޮންޓެއިނަރު ވަގަށް ގެންދިޏީ އެ ކޮންޓެއިނަރުގެ ނަކަލެއް ތިލަފުށީގައި ހަދައިގެން ކަމަށާއި، ވައްކަންކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓަރީ ނަންބަރު ވެސް ބަދަލުކޮށްފައިވާ ކަން ތަހުގީގަށް ވަނީ އެނގިފަ އެވެ. މި ސިނގިރޭޓްތައް ވަގަށް ގެންދިޔަ ކަން ކަސްޓަމްސް އަށް އެނގުނީ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުގެ ރޭ ކަމަށާއި، އެކަމަކު އެ ކޮންޓެއިނަރުތައް ވަގަށް ގެންދިޔައީ އޭގެ ދެ މަސް ކުރިން ކަމަށް އެނގިފައި ވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.