ބޮޑުތިލަދުންމައްޗަށް ގަސްދުކުރާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ. އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީއީއޯ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ، މިއީ އުތުރު ރައްޔިތުން ގަސްތުކުރި ގަދީމީ ހުވަފެނެއް ހަގީގަތަކަށް ހެދި ތާރީހީ ދުވަހެއް ކަމަށެވެ.
ޝަރީފް ވަނީ މި އެއާޕޯޓުން އިޤްތިޞާދަށް ލިބިގެންދާނެ ފައިދާތަކުގެ ވާހަކަ ފާހަގަކުރައްވާފަ އެވެ. އެގޮތުން އެތައް ހާސް ވަޒީފާއެއް އުފެދި، އަހަރަކު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އެތެރެވުމުގެ ފުރުޞަތު ފަހިވެ، ބޭރު ފައިސާގެ އާމްދަނީ ބޮޑުތަނުން އިތުރުވާނެ ކަމަށް އުއްމީދު ކުރެއްވެ އެވެ. އޭނާ ވިދާޅުވީ، ހަނިމާދޫ އެއާޕޯޓަކީ ބޮޑުތިލަދުންމައްޗަށް ފެނިގެންދިޔަ "ޖަވާހިރެއް" ކަމަށާއި، އެއީ މުސްތަގްބަލަށް ހުޅުވިގެންދިޔަ ފުރަތަމަ ދޮރު ކަމަށެވެ.
2022 ވަނަ އަހަރު ފެށި މި މަޝްރޫއުގެ ގިނަ މަސައްކަތްތައް ނުނިމި ހުއްޓާ މި ސަރުކާރުން ވެރިކަމާ ހަވާލުވި ކަމަށް ޝަރީފް ފާހަގަކުރެއްވި އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު ކުރު މުއްދަތެއްގެ ތެރޭގައި ހުރިހާ މަސައްކަތްތަކެއް ފުރިހަމަކޮށް އެއާޕޯޓު ހުޅުވުމަށް މަގުފަހިވި ކަމަށް އޭނާ ވިދާޅުވި އެވެ. ދެ ބިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގި މި މަޝްރޫއުގައި 2465 މީޓަރުގެ ދިގު ރަންވޭއާއި 10،380 އަކަމީޓަރުގެ ބޮޑު ޓާމިނަލެއް އެކުލަވާލާފައިވެ އެވެ.
ކޮމެންޓު ފޮނުވާ