ޓެންޒޭނިއާގެ ރައީސް ހަސަން %97 ގެ ބޮޑު އަޢުލަބިއްޔަތަކުން ދެވަނަ ދައުރަށް އިންތިޚާބު ވެއްޖެ

ޓެންޒޭނިއާގެ ރައީސް ހަސަން %97 ގެ ބޮޑު އަޢުލަބިއްޔަތަކުން ދެވަނަ ދައުރަށް އިންތިޚާބު ވެއްޖެ

Author
ޙަސަން މުޙައްމަދު
02 ނޮވެމްބަރ 2025 07:45
0

އިރުމަތީ އެފްރިކާގެ ޤައުމު ޓެންޒޭނިއާގެ ރައީސް ސާމިޔާ ސުލޫހޫ ހަސަން ދެވަނަ ފަސް އަހަރުގެ ދައުރަކަށް އިންތިޚާބު ވެއްޖެއެވެ. ހޮނިހިރު ދުވަހު އިޢުލާންކުރި ރަސްމީ ނަތީޖާއިން ދައްކާގޮތުން 65 އަހަރުގެ ރައީސް ހަސަން ހޯއްދަވާފައިވަނީ 97.66% ވޯޓެވެ.

ބުދަ ދުވަހު ބޭއްވި ވޯޓުލުމުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގާ މުޒާހިރާތައް ކުރިޔަށް ގޮސްފއި ވެއެވެ. އިދިކޮޅު ފަރާތްތަކުން ސަރުކާރު އިމާރާތްތަކަށް އަލިފާން ރޯކޮށް، ރައީސްގެ ބެނަރުތައް ނަގައި ހަލާކުކުރިއެވެ. އދ.ގެ އިންސާނީ ޙައްޤުތަކުގެ އޮފީހުން ބުނިގޮތުގައި މަދުވެގެން 10 މީހުން މަރުވެފައިވާއިރު، އިދިކޮޅު ޕާޓީ ޗަޑެމާއިން ބުނީ 100 އަށްވުރެ ގިނަ މީހުން މަރުވި ކަމަށެވެ.

މުޒާހަރާކުރި މީހުންގެ އެންމެ ބޮޑު ރުޅިވެރިކަމަކީ އިންތިޚާބީ ކޮމިޝަނުން ރައީސް ހަސަންގެ އެންމެ ބޮޑު ދެ ވާދަވެރިންނަށް އިންތިޚާބުގައި ވާދަކުރުން މަނާކުރުމެވެ. ޗަޑެމާ ޕާޓީއަށް ވެސް އިންތިޚާބުގައި ވާދަކުރަން ފުރުސަތު ނުދީ، އެ ޕާޓީގެ ލީޑަރު ވަނީ އޭޕްރީލް މަހު ޣައްދާރުވުމުގެ ކުށުގައި ހައްޔަރުކޮށްފައެވެ.

87% ވޯޓު ލުމުގެ އަދަދާއި ރައީސް ހަސަންއަށް ލިބުނު 31.9 މިލިއަން ވޯޓާއިމެދު ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުގެ ސުވާލު އުފައްދާފައި ވެއެވެ. 2020 ވަނަ އަހަރުގެ އިންތިޚާބުގައި ވޯޓުލީ 15 މިލިއަނަށްވުރެ މަދު މީހުންނަށް ވާއިރު، މި އަހަރު ވޯޓު ލީ މީހުންގެ އަދަދު ދެގުނައަށްވުރެ ބޮޑުވި ނަމަވެސް، ރިޕޯޓްތައް ބުނާގޮތުން ހަޤީޤަތުގައި ވޯޓުލީ މަދު މީހުންނެވެ.

ރައީސް ހަސަން ވެރިކަމާ ހަވާލުވެވަޑައިގަތީ 2021 ވަނަ އަހަރު ކުރީގެ ރައީސް ޖޯން މަގުފުލީ އަވަހާރަވުމުން ނައިބު ރައީސްގެ ހައިސިއްޔަތުން ރިއާސަތަށް ޤާނޫނީ ގޮތުން ބަދަލުވުމުންނެވެ. ކުރީގެ ސަރުކާރުގެ އަނިޔާވެރިކަން ހުއްޓުވާ ހަމަޖެހުން ގެނެސްދީފައިވާތީ ބައިނަލްއަޤްވާމީ ތަޢުރީފު ލިބިވަޑައިގެންނެވި ނަމަވެސް، ފަހަކަށް އައިސް އިދިކޮޅު ފަރާތްތައް ހައްޔަރުކުރުމާއި ރަހީނުކުރުމުގެ ތުހުމަތުތަކާއެކު ފާޑުކިޔުން އިތުރުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.