އަންނަ އަހަރުގެ ބަޖެޓުގައި ޖަލުތަކާއި ޑިޓެންޝަން ސެންޓަރުތައް ގާއިމް ކުރުމަށް 45 މިލިއަން ރުފިޔާ ހިމަނައިފިއެވެ. 64.2 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ކަނޑައަޅާފައިވާ 8.31 ބިލިއަން ރުފިޔާގެ ތެރެއިން އަދުލު އިންސާފާއި އަމަންއަމާންކަން ގާއިމު ކުރުމަށް 175.37 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އޭގެ ދަށުން ޖަލުތަކާއި ޑިޓެންޝަން ސެންޓަރުތައް އެޅުމަށް 41.03 މިލިއަން ރުފިޔާއާއި ރިހެބިލިޓޭޝަން ސެންޓަރުތަކަށް 3.14 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.
މި ސަރުކާރު ވެރިކަމަށް އައިސް ބެލި އިރު ޖަލުތަކުގެ ހާލަތު އެދެވޭ މިންގަނޑުތަކަށް ނޫން ކަމަށް ހޯމް މިނިސްޓްރީން ފާހަގަކުރި އިރު، އެކަމުގެ ހައްލަކަށް ރައީސް ޑރ. މުއިއްޒު ވަނީ ސެންޓްރަލް ޖަލެއް ގާއިމް ކުރަން ނިންމަވާފައެވެ. އުތުރުތިލަފަޅުގައި 30 ހެކްޓަރު ބިމެއްގައި ގާއިމްކުރާ މި ޖަލަކީ 6000 މީހުންނަށް ހިދުމަތް ދިނުމަށް ރޭވިފައިވާ ޖަލެކެވެ. ތިން އަހަރު ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެންދެވޭނެ ގޮތަށް މަސައްކަތް ކުރަމުން ދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައި ވެއެވެ.
މި ޖަލުގައި ގައިދީން ބައިތިއްބާ ތަންތަނާއެކު ތައުލީމީ ހިދުމަތްތަކަށް ކްލާސްރޫމްތަކާއި ލައިބްރަރީ، މަލްޓިޕާޕަސް ހޯލް، ފާމަސީއަކާއެކު ހޮސްޕިޓަލެއް، ކުޅިވަރު ކުޅޭ ސަރަހައްދު، މަސްތުވާތަކެތީގެ ދުޅަހެޔޮކަމަށް ޑްރަގް ރިހެބިލިޓޭޝަން އަދި ޑިޓޮކްސް ފެސިލިޓީއާއި 1000 މީހުންގެ ޖާގައިގެ މިސްކިތެއް ގާއިމް ކުރަން ވަނީ ހަމަޖެހިފައެވެ. މި ޖަލު ގާއިމް ކުރެވުމުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ގައިދީންނަށް ރިހެބިލިޓޭޝަންގެ ކަންކަން ފުރިހަމަ ކުރެވި، ސިއްހީ ފަރުވާއާއި ތައުލީމީ ފުރުސަތުތައް ލިބޭނެ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ