ސަރުކާރުން 2026 އަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މިއީ މި އަހަރުގެ ބަޖެޓަށް ވުރެ ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އަންނަ އަހަރު ދިވެހިރާއްޖޭގެ އިގުތިސާދީ ދުވެލި 5.3 ޕަސެންޓުން ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަންނަ ދެ އަހަރު އިގުތިސާދީ ކުރިއެރުން އެވްރެޖުކޮށް 4.9 ޕަސެންޓުގައި ހުންނާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ބޭނުން ކުރެވެން ފެށުމުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތައް ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މި އަހަރުގެ ފުރަތަމަ 8 މަސް ދުވަހު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 9.4 ޕަސެންޓުގެ ކުރިއެރުމެކެވެ. އަންނަ އަހަރު އާމްދަނީގެ ގޮތުގައި 40.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ޓެކުހުގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެވެ އެވެ.
ކޮމެންޓު ފޮނުވާ