އައްޑޫގެ ހުޅުދޫ އާއި މީދޫ ރައްޔިތުންގެ 15 އަހަރުގެ ހުވަފެނުގައި މިދިޔަ ހޮނިހިރު ދުވަހު ހަގީގީ ކުލަ ޖެހިގެން ދިޔަ ދިއުން ކުލަގަދަކޮށް ފާހަގަ ކޮށްފިއެވެ. އިދާރީ މިނިވަންކަން ހޯދުމަށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދެ ރަށުގައި ވަކި ކައުންސިލްތައް އުފެއްދުމަށް އެ ރަށްރަށުގެ ރައްޔިތުންގެ އަޣުލަބިއްޔަތުން ވަނީ ރުހުންދީފައެވެ.
މެންބަރު މުޙައްމަދު ޝާހިދާއި ޢަބްދުއްރަހުމާން އިސްނަންގަވައިގެން ހުޅުމީދޫ މެދު ބަނދަރުގައި ބޭއްވި ހަރަކާތުގައި ދެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ، މި ކާމިޔާބު ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ.
އެ ސިޓީގެ ބައެއް ރައްޔިތުން ބުނެފައިވަނީ މި ކާމިޔާބީއަކީ ބްރިޖަކަށްވުރެވެސް މުހިންމު ކަމެއް ކަމަށާއި، ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށްވުރެވެސް މުހިންމު ކަމެއް ކަމުގައެވެ.
އަދި ރައްޔިތުން މި ދުވަސް ސިފަކުރަނީ ދެ ރަށަށް ލިބުނު މިނިވަންކަމެއްގެ ގޮތުގައެވެ. އެގޮތުން 25-10-2025 މި ދެ ރަށުގެ މިނިވަން ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރާން ބޭނުންކަމަށްވެސް ހުޅުދޫގެ ބައެއް ރައްޔިތުން ބުނެފައި ވެއެވެ. ވަކި ކައުންސިލްތައް އުފެދުމުން ދެ ރަށުގެ ތަރައްގީ ހަލުވިވެ، ކުރިއެރުންތަކެއް ލިބޭނެ ކަމަށް ރައްޔިތުން ގަބޫލުކުރެއެވެ. އައްޑޫ ސިޓީގެ ތިން ރަށުގައި ބޭއްވި ވޯޓުގައި ފޭދޫ ރައްޔިތުން ވަނީ އިދާރީގޮތުން ވަކިވެ، ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް ތާއީދުކޮށްފައެވެ.
ކޮމެންޓު ފޮނުވާ