ފަލަސްތީނުގެ ރިޔާސީ އަދި ބަރުލަމާނީ އިންތިހާބު ބާއްވަނީ

ފަލަސްތީނުގެ ރިޔާސީ އަދި ބަރުލަމާނީ އިންތިހާބު ބާއްވަނީ

Author
އަހުމަދު
15 ޖޫން 2026 09:38
0

ފަލަސްތީނުގެ ރިޔާސީ އިންތިހާބު އަންނަ އަހަރުގެ ކުރީކޮޅު އަދި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ރައީސް މަހްމޫދު އައްބާސް ރިޔާސީ ގަރާރެއް ނެރުއްވައިފި އެވެ.

ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. އުމުރުފުޅުން 90 އަހަރުގެ އައްބާސް ވެރިކަމުގައި 20 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާއިރު، އެންމެ ފަހުން އެގައުމުގައި ރިޔާސީ އިންތިހާބެއް ބާއްވާފައިވަނީ 2005 ވަނަ އަހަރުއެވެ. މީގެ ކުރިންވެސް އިންތިހާބު ބާއްވާނެ ކަމަށް ވިދާޅުވުމަށްފަހު އެތައް ފަހަރަކު އިންތިހާބުތައް ވަނީ ފަސްކުރައްވާފައެވެ.

ނޮވެމްބަރު މަހު ބާއްވާ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބަށް ގެނައި ބަދަލުތަކުގެ ތެރޭގައި މަޖިލީހުގެ ގޮނޑީގެ އަދަދު 200 އަށް އިތުރުކުރުމާއި، އިންތިހާބީ ތްރެޝްހޯލްޑް (ގޮނޑިއެއް ކާމިޔާބު ކުރުމަށް ބޭނުންވާ އެންމެ މަދު ވޯޓު) 1 ޕަސެންޓަށް ދަށްކުރުން ހިމެނެއެވެ. މީގެ އިތުރުން، ކޮންމެ ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓުންގެ ލިސްޓުގެ ހަތަރުބައިކުޅަ އެއްބަޔަކީ އަންހެނުން ކަމުގައި ހެދުމަށްވެސް ވަނީ ގަރާރުގައި ކަނޑައަޅުއްވާފައެވެ.

އިންތިހާބު ބާއްވަން އިއުލާނުކުރެއްވި ނަމަވެސް، ފަލަސްތީނުގެ އާންމު ރައްޔިތުންގެ މެދުގައި އައްބާސްއާ މެދު އޮތް ނުތަނަވަސްކަން ވަރަށް ބޮޑެވެ. ފަހުގެ ރިސާޗްތަކާއި ސާވޭތަކުން ދައްކާގޮތުގައި ޣައްޒާ އާއި ހުޅަނގު އައްސޭރީގެ 80 ޕަސެންޓް ރައްޔިތުން ބޭނުންވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށެވެ. ގިނަ ބަޔަކު ދެކޭގޮތުގައި މި އިންތިހާބުތައް ކުއްލި ގޮތަކަށް އިއުލާނުކުރުމުގެ މައިގަނޑު މަގުސަދަކީ އެތެރޭގެ ސިޔާސީ އިސްލާހަކަށްވުރެ ބޮޑަށް، ހުޅަނގުގެ ގައުމުތަކުގެ ތާއީދާއި މާލީ އެހީތެރިކަން ހޯއްދެވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.