ސަރުކާރުން ކުރިއަށްގެންދާ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓަށް އެދި ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތު މިރޭ 23:59 އަށް ހަމަވާން ކުޑަތަންވެފައި ވަނިކޮށް، ފޯމު ހުށަހަޅާ ޕޯޓަލް ޑައުންވެއްޖެއެވެ.
މުއްދަތު ހަމަވާން ގާތްވެފައިވަނިކޮށް ޕޯޓަލް ޑައުންވުމުގެ ސަބަބުން ފޯމު ހުށަހަޅަން މަސައްކަތްކުރާ ގިނަ ރައްޔިތުންތަކަކަށް ވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކުރިން މި މުއްދަތު މެއި 31 ގެ ނިޔަލަށް ކަނޑައަޅާފައި އޮތް ނަމަވެސް، ފަހުން ވަނީ ޚާއްސަ ހާލަތަކާ ގުޅިގެން މުއްދަތު އިތުރުކޮށްދީފައެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ކުރިން ވިދާޅުވެފައިވަނީ މިރޭގެ ނިޔަލަށް މި ފުރުސަތު ބަންދުވުމަށްފަހު ދެން އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށެވެ. އެހެންނަމަވެސް، ޕޯޓަލްއަށް މިވަގުތު ދިމާވެފައިވާ ޓެކްނިކަލް މައްސަލައާ ގުޅިގެން މުއްދަތަށް އިތުރު ބަދަލެއް ގެންނާނެކަމެއް ނުވަތަ ނޫންކަމެއް އެ ވުޒާރާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ބޮޑު ސްކީމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން 15،000 ގޯތި އަދި މާލެ ސަރަހައްދުން 7،900 ފުލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލޭގެ ރަށްވެހިންނަށާއި، އަތޮޅުތެރޭގެ ރައްޔިތުންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ފަދަ ޚާއްސަ ކެޓަގަރީތަކަށް ވަކި އަދަދުތަކެއް ވަނީ ކަނޑައެޅިފައެވެ.
އާންމުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މިފަހަރުގެ އުސޫލުތަކަށް ވަނީ މުހިންމު ބަދަލުތަކެއްވެސް ގެނެސްފައެވެ. އެގޮތުން، ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް އަނެކާއަށް ގޯއްޗަށް ކުރިމަތިލެވޭ ގޮތަށާއި، ކުރިން ޖޮއިންޓްކޮށް ގޯތި ލިބުނު ފަރާތްތަކަށް އެ ގޯތި ދޫކޮށްލުމަށްފަހު ވަކިން ކުރިމަތިލެވޭނެ ގޮތަށް މިހާރު ވަނީ ހުޅުވާލާފައެވެ.
ކޮމެންޓު ފޮނުވާ