އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި 7.6 ގްރާމުގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ގަން ޕޮލިހާއި، ފުލުހުންގެ އިންޓެލިޖެންސް އަދި ސައުތު ޕޮލިސްގެ ޚާއްޞަ ޓީމުތައް ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ، ހަނދުވަރު، އަޙްމަދު ލީން ފާރޫޤް (26އ) އާއި، ސ. މަރަދޫފޭދޫ، ސޭންޑީބީޗް، އަބްދުﷲ ފަޒީން (41އ) ގެ އިތުރުން ސ. މަރަދޫފޭދޫ، އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ) އެވެ.
ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން ފޭދޫގެ ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 35 ރަބަރު ޕެކެޓު ވަނީ ފެނިފައެވެ. މި ތަކެތީގެ ވަގުތީ ބަރުދަނުގައި 4.8 ގުރާމު ހުރިކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން، މަރަދޫފޭދޫގައި ހިންގި އޮޕަރޭޝަނުގައި އަޙްމަދު ޝަރަތު ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، 2.81 ގުރާމުގެ މަސްތުވާތަކެތި ހުރި ދެ ޕެކެޓު ވަނީ އަތުލައިގަނެފައެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭގެ ތެރެއިން ދެ މީހެއްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ކޯޓުން ވަނީ ދޫކޮށްލާފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު އަންނަނީ މި ދެ މައްސަލަވެސް އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ