ޕެންޝަން ފަންޑަށް 2.5 ބިލިއަން އިންޖެކްޓްކުރުމަކީ ބާޒާރަށް ނުރައްކާތެރި ފިޔަވަޅެއް: ޝާހިދު

ޕެންޝަން ފަންޑަށް 2.5 ބިލިއަން އިންޖެކްޓްކުރުމަކީ ބާޒާރަށް ނުރައްކާތެރި ފިޔަވަޅެއް: ޝާހިދު

Author
ހުސައިން
20 އޮކްޓޯބަރ 2025 09:18
0

ސަރުކާރުގެ ޓްރެޝަރީ ބޮންޑް ގަތުމަށް މަގުފަހިކުރުމަށް މަރުކަޒީ ބޭންކުން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންޖެކްޓްކުރުމަށް ނިންމި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ކޮވިޑް-19 ގެ ދުވަސްވަރު އިޤްތިޞާދީ ކާރިސާއެއް ދިމާވެގެން އޭރުގެ ސަރުކާރަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހުނު ނަމަވެސް، މިއަދު އެފަދަ ޙާލަތެއް ނެތްކަމަށެވެ. ސަރުކާރުން އަޅާ މި ފިޔަވަޅުތަކުން އިޤްތިޞާދަށް ނޭދެވޭ އަސަރުކުރާނެ ކަމަށާއި، ތަކެތީގެ އަގު ބޮޑުވެ ދިވެހި ރުފިޔާގެ އަގު ދަށްވެގެން ޑޮލަރަށް ޑިމާންޑް އިތުރުވެ އިޤްތިޞާދުގެ ހަމަޖެހުން ގެއްލިދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

ފައިސާ ޗާޕުކުރަން އުޅެނީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އިންތަކާއި އުޞޫލުތަކުގެ ބޭރުން ކަމަށްވާތީ، މިއީ ނުރައްކާތެރި އަދި ޤާނޫނާ ޚިލާފު އަމަލެއް ކަމުގައި ޝާހިދު ސިފަކުރެއްވިއެވެ. ސަރުކާރުގެ ޒިންމާދާރުކަންކުޑަ އަމަލުތަކުގެ ބުރަ ދިވެހި ރައްޔިތުންނަށް އުފުއްލަން ޖެހިގެން ނުވާނެ ކަމަށް ޝާހިދު ވިދާޅުވެ، މަރުކަޒީ ބޭންކަށް ގޮވާލެއްވީ ބާޒާރުގެ އަގުތައް ހިފަހައްޓައި އިޤްތިޞާދު ހަމަމަގަށް އެޅުވުމުގެ ޒިންމާ އަދާކޮށް، ޒިންމާދާރުކަމެއް ނެތް މާލީ އަދި އިޤްތިޞާދީ ފިޔަވަޅުތައް ނޭޅުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.