ޗައިނާގެ ހެންގްޒޯ އިން ދެކުނު ކޮރެއާގެ ސޯލްއަށް ދަތުރުކުރި އެއާ ޗައިނާގެ ފްލައިޓެއް އޮކްޓޯބަރު 18 ވަނަ ދުވަހު ވަނީ އެމަޖެންސީކޮށް ޖައްސައިފައެވެ. މިއީ ފަސިންޖަރެއްގެ ކެރީއޮން ލަގެޖްގެ ތެރޭގައި އޮތް ލިތިއަމް ބެޓެރީއެއް ކުއްލިއަކަށް ވައިގެ ތެރޭގައި ގޮވައި، ރޯވުމުގެ ސަބަބުންނެވެ.
ސައުތު ޗައިނާ މޯނިން ޕޯސްޓުން ރިޕޯޓްކުރި ގޮތުގައި ފްލައިޓް ސީއޭ139 ގެ އޯވަހެޑް ކޮމްޕާޓްމަންޓްގައި ރައްކާކޮށްފައި އޮތް ލަގެޖަކުން އަލިފާން ރޯވާން ފެށުމުން މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަނީ ފަސިންޖަރުން ބިރުގަނެގެން ހަޅޭއްލަވާ މަންޒަރެވެ. ކެބިން ކްރޫ މެންބަރުން އަލިފާން ނިއްވާ އާލާތްތައް ހިފައިގެން އަވަހަށް ދުވެފައިވާއިރު، ދުން ހަލުވިކަމާއެކު ކެބިންގައި ފެތުރުން ވެސް ވީޑިއޯއިން ފެނެއެވެ.
ކްރޫއިން އަވަހަށް މައްސަލަ ހައްލުކޮށް، އަލިފާންގަނޑު ކޮންޓްރޯލްކުރި ނަމަވެސް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޕައިލެޓުން ވަނީ މަތިންދާ ބޯޓު ޝަންހާއީ ޕުޑޮންގް އިންޓަނޭޝަނަލް އެއާޕޯޓަށް ޑައިވާޓްކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބި، ފަސިންޖަރުންނަށް ބަދަލު ފްލައިޓެއް ހަމަޖައްސައިދީފައިވާ ކަމަށް އެއާލައިނުން ބުނެއެވެ.
ކޮމެންޓު ފޮނުވާ