1 ބިލިއަން ރުފިޔާއަށްވުރެ ބޮޑު ކޮރަޕްޝަންގެ އަމަލުތަކަށް މަރުގެ އަދަބު ދޭން ފެންނަކަމަށް ވިދާޅުވެއްޖެ

1 ބިލިއަން ރުފިޔާއަށްވުރެ ބޮޑު ކޮރަޕްޝަންގެ އަމަލުތަކަށް މަރުގެ އަދަބު ދޭން ފެންނަކަމަށް ވިދާޅުވެއްޖެ

Author
ހުސައިން
18 އޮކްޓޯބަރ 2025 11:54
0

ދައުލަތުގެ މަޤާމުތަކުގައި ތިއްބަވައިގެން 1 ބިލިއަން ރުފިޔާއަށްވުރެ ބޮޑެތި ކޮރަޕްޝަން ހިންގާފައިވާކަން ސާބިތުވެއްޖެނަމަ މައްސަލައިގައި  މަރުގެ އަދަބުދޭން ފެނިވަޑައިގަންނަވާކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު ވަނީ ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުންނަށް ހަރުކަށި އަދަބު ދޭންޖެހޭކަމަށް ބަޔާންކުރައްވައި، ދާދި ފަހުން ކްރިމިނަލް ކޯޓުގެ އިސްގާޒީ ކުރެއްވި ޙުކުމަށް އަލިއަޅުވާލައްވާފައެވެ. މެމްބަރު ވިދާޅުވީ އެފަދަ ބޮޑު އަދަބެއް ދޭން ފެށުމުން އެކަމުގެ ގޯސްކަން މީހުންނަށް ވިސްނޭނެކަމަށާއި، ނިޒާމީ ގޮތެއްގައި ކުރިއަރާފައިވާ ޤައުމުތައްވެސް ހުރީ "ބޮލަކަށް ކަނދުރާއަށް ނުބަލައި" ޤާނޫނު ތަންފީޒު ކޮށްގެންކަމަށެވެ.

މީގެ އިތުރުން، އެސެޓް ރިކަވަރީ ޤާނޫނެއް ގެނައުމަށް މި ސަރުކާރުން މަސައްކަތްކުރަމުންދާއިރު، އެކަން ހަގީގަތަކަށް ހަދައި ނަތީޖާ ނެރެދޭނެކަމަށް އޭނާ ޔަޤީން ކުރައްވާކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެސެޓް ރިކަވަރީ ބިލު ޤާނޫނަކަށްވާ ދުވަހުން ފަށައިގެން ބޮޑެތި ވައްކަންތައް ކޮށްފައިވާ ހުރިހާ އެންމެންގެ ފަހަތުން ސަރުކާރުގެ އިދާރާތަކުން ވަރަށް ބާރަށް ދާނޭކަމަށް ފާހަގަކުރައްވާފައެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ، މިދިޔަ ދުވަސްތަކުގައި ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކުގެ އަތުން ބަދަލު ނެގޭނެ ގޮތް ހަމަޖެއްސުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.