ހުޅުމާލޭގައި ސަރުކާރުން ދޫކުރި ސޯޝަލް ހައުސިންގެ ފްލެޓްތައް ކުއްޔަށް ދީފައިވޭތޯ ބަލައި، މިފަދަ ހާލަތްތަކުގައި އެއްބަސްވުން ބާޠިލްކުރާނެ ކަމަށް ސަރުކާރުން ނިންމައިފި އެވެ.
"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4،000 ފްލެޓް ހަވާލުކުރަމުން ދަނިކޮށް، ފްލެޓް ލިބުނު ބައެއް މީހުން އެ ފްލެޓްތައް ބޮޑެތި އަގުތަކުގައި ކުއްޔަށް ދޭން ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަން ފެށުމުން ސަރުކާރުން މި ގޮތަށް ނިންމީ އެވެ. ބައެއް ފްލެޓްތައް 25،000 ރުފިޔާ އަށް ކުއްޔަށް ދޭން އިޝްތިހާރު ކޮށްފައިވާއިރު، ސަރުކާރުން ކަނޑައަޅާފައިވާ ތިން ކޮޓަރީގެ ފްލެޓުގެ ކުލި އަކީ 11،500 ރުފިޔާ އެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ބޮޑު ހަރަދެއް ކޮށްގެން ސަބްސިޑައިޒް ކޮށްފައިވާ އަގުގައި ދޫކުރި ފްލެޓްތައް ބޮޑެތި އަގުތަކުގައި ކުއްޔަށްދީ އެހެން ފަރާތްތަކުން ބޭނުންކުރުމަކީ ސަރުކާރުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. އެއްބަސްވުންތަކާ ހިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި ފްލެޓް ލިބުނު ފަރާތް ނޫން އެހެން މީހަކު ދިރިއުޅޭ ތަންތަނުގެ އެއްބަސްވުން ބާތިލްކޮށް އެތަންތައް ދައުލަތަށް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސޯޝަލް ހައުސިންގެ ފްލެޓްތައް ބަލައި ފާސްކުރުމުގެ މަސައްކަތް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން އަވަހަށް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސޯޝަލް ހައުސިންގެ އެއްބަސްވުމުގައި ފްލެޓްތައް ކުއްޔަށް ދިނުން މަނާކޮށްފައިވާ ނަމަވެސް މިކަން އާންމު ކަމަކަށް ވެފައިވެ އެވެ.
ކޮމެންޓު ފޮނުވާ