ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ވެނިޒުއޭލާގެ ރައީސް ނެކޮލަސް މެޑީރޯގެ ހުދުމުހުތާރު ވެރިކަމާ ދެކޮޅަށް ހިންގާ ސިޔާސީ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެ ގައުމުގެ އިދިކޮޅު ހަރަކާތުގެ ލީޑަރު މަރީއާ ކޮރީނާ މަޗާޑޯއަށް މިއަދު ނޮބެލް ސުލްހައިގެ އިނާމު ދީފިއެވެ.
15 މިލިއަން ރުފިޔާގެ މި އިނާމު ދެމުން ނޯވޭގެ ނޮބެލް ކޮމިޓީން ބުނީ "އުންޑައިގެ ބަދަލުގައި ވޯޓު ކަރުދާހުން" ހުދުމުހުތާރު ވެރިކަމެއް ނައްތައިލަން މަސައްކަތް ކުރާތީ މި އިނާމު އޭނާއަށް ދިނުމަށް ނިންމީ ކަމުގައެވެ. މަރީއާއަކީ "ޑިމޮކްރެޓިކް ހައްގުތައް ޕްރޮމޯޓް ކުރަން ވަރުބަލިކަމެއް ނުބަހައްޓާ" އަދި "އާއްމު މީހުންގެ ހިތްވަރު ދައްކުވައިދޭ އެއްބައިވަންތަކަމުގެ ބާރެއް" ކަމަށް އެ ކޮމިޓީން ސިފަކުރިއެވެ.
އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މަރީއާއަކީ ވެނިޒުއޭލާގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރެކެވެ. މިދިޔަ އަހަރު ގައުމުގެ ރިޔާސީ އިންތިހާބުގައި ސިޔާސީ ހަރަކާތްތަކުން ދުރުކުރުމަށް ސަރުކާރުން އަޅާފައިވާ "ޕޮލިޓިކަލް ޑިސްކޮލިފިކޭޝަން އޯޑަރު" އަށް ވެސް ފަރުވާލެއް ނުބަހައްޓާ އޭނާ ވަނީ ޑިމޮކްރެޓިކް ހަރަކާތުގެ އިސް ސަފުގައި ހަރަކާތްތެރިވެފައެވެ.
އަހަރަކު އެއް ފަހަރު ނޯވޭގައި ދޭ މި އިނާމަކީ ފިޒިކްސް، ކެމިސްޓްރީ، މެޑިސިން އަދި ލިޓަރެޗާ ހިމެނޭ ގޮތަށް ފަސް ދާއިރާއިން ދޭ ނޮބެލް އިނާމުތަކުގެ ތެރެއިން އެންމެ މަގުބޫލު އިނާމެކެވެ. 1901 ގައި ފުރަތަމަ ފަހަރަށް ދޭން ފެށި މި އިނާމުގެ ސަބަބުން މަރީއާ މިހާރު ވަނީ ހުދުމުހުތާރު ވެރިކަމާ ދެކޮޅު ހެދުމުގެ ރަމްޒަކަށް ދުނިޔޭގެ ފެންވަރުގައި ވެފައެވެ. ތާރީޚީ ގޮތުން މި އިނާމު ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި ނެލްސަން މަންޑޭލާ، މަދާ ޓެރީސާ އަދި މާޓިން ލޫދާ ކިންގް ޖޫނިއާ ހިމެނެއެވެ.
ކޮމެންޓު ފޮނުވާ