ދިވެހިރާއްޖެއާއި ފިލިޕީންސް ދެމެދު ސިޔާސީ ގުޅުން ވަރުގަދަ ކުރުމާ ގުޅޭ އެއްބަސްވުމެއް

ދިވެހިރާއްޖެއާއި ފިލިޕީންސް ދެމެދު ސިޔާސީ ގުޅުން ވަރުގަދަ ކުރުމާ ގުޅޭ އެއްބަސްވުމެއް

Author
ޙަސަން މުޙައްމަދު
27 ސެޕްޓެމްބަރ 2025 08:37
0

ދިވެހިރާއްޖެއާއި ފިލިޕީންސް ދެމެދު ދެ ޤައުމުގެ ޚާރިޖީ ވުޒާރާތަކުގެ މެދުގައި ސިޔާސީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޚާއްޞަ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ އެމެރިކާގެ ނިއުޔޯކްގައި މިވަގުތު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ދައުރުގެ ތެރޭގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެވެ. ފިލިޕީންސް ސަރުކާރުން ތަމްސީލުކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރު މާރިއާ ތެރޭސާ ޕީ. ލަޒާރޯ އެވެ.

ޚާރިޖީ ވުޒާރާއިން ހާމަކުރައްވައިފައިވާ ގޮތުގައި، މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދުގައި ދިގު ތާރީޚެއްގައި ޤާއިމުވެފައިވާ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ ގުޅުން ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ދެ ޤައުމުގެ ޤައުމީ މަޞްލަޙަތުތައް ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް މި އެއްބަސްވުން ފުރިހަމަ ފުރުޞަތު ތަނަވަސްކޮށްދޭނެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ދެ ސަރުކާރުގެ ދެމެދުގައި ކުރެވޭ މުހިންމު މަޝްވަރާތަކާއި އެއްބަސްވުންތައް ވަރުގަދަ އޮނިގަނޑެއްގެ ތެރެއިން ތަންފީޒުކުރުމަށް މަގު ތަނަވަސްވެގެންދާނެއެވެ. އެހެންމެ އިޤްތިޞާދީ، ސަޤާފީ، ތަޢުލީމީ އަދި އެހެނިހެން މުހިންމު ދާއިރާތަކުން ދެ ޤައުމުގެ މެދުގައި ގުޅުން ބަދަހިކޮށް، ތަޖުރިބާތަކާއި މަޢުލޫމާތު ބަދަލުކުރުމުގެ ފުރުޞަތުތައް ފުޅާވެގެންދާނެ ކަމަށް ޚާރިޖީ ވުޒާރާއިން ފާހަގަކުރައްވައެވެ.

މި އެއްބަސްވުމަކީ ދެކުނު އޭޝިޔާއާއި ދެކުނު ޝަރުޤީ އޭޝިޔާގެ ދެ މުހިންމު ޤައުމެއްގެ ގުޅުން ހަރުދަނާކުރުމަށް އެޅޭ ތާރީޚީ ފިޔަވަޅެއްކަމުގައި ދެ ޤައުމުގެ ފަރާތުންވެސް ފާހަގަކުރައްވައިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.