ދެކުނު ކޮރެއާއަށް މޯލްޑިވިއަންގެ ދަތުރުތައް ފަށަނީ

ދެކުނު ކޮރެއާއަށް މޯލްޑިވިއަންގެ ދަތުރުތައް ފަށަނީ

Author
އަހުމަދު
24 ސެޕްޓެމްބަރ 2025 03:12
0

މޯލްޑިވިއަން އިން ދެކުނު ކޮރެއާއަށް ދަތުރުތައް ފަށަން ނިންމައި ސޭލްސް އެޖެންޓެއް ހޯދަން އިއުލާންކޮށްފިއެވެ.

މޯލްޑިވިއަން އިން ވަނީ ސޭލްސް އެޖެންޓުންނަށް ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައެވެ.

އައިލެންޑް އޭވިއޭޝަން އިން ކޮށްފައިވާ އިއުލާންގައި ބުނެފައި ވަނީ މޯލްޑިވިއަން އިން 2026 ގައި ދެކުނު ކޮރެއާއަށް ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. މިވަގުތު، ދިވެހިރާއްޖެއާއި ދެކުނު ކޮރެއާއާ ދެމެދު ސީދާ ފްލައިޓެއް ނޯވެއެވެ. މޯލްޑިވިއަންގެ މަޤްޞަދަކީ ފަތުރުވެރިންނާއި ވިޔަފާރިވެރިންނަށް ފަސޭހަ ދަތުރުފަތުރުގެ އިންތިޒާމްތައް ހަމަޖައްސައިދިނުން ކަމަށާއި މިކަން ކުރުމަށްޓަކައި ދެކުނު ކޮރެއާގެ ޚާއްޞަ ސިޓީތަކުގައި ޖެނެރަލް ސޭލްސް އޭޖެންޓެއް (ޖީއެސްއޭ) އައްޔަންކުރުމަށް ބޭނުންވާ ކަމަށް އިއުލާންގައި ބުނެފައިވެއެވެ.

ޖެނެރަލް ސޭލްސް އޭޖެންޓްގެ ޒިންމާގެ ތެރޭގައި ފަސިންޖަރުންގެ ޓިކެޓް ވިއްކުމާއި، މާކެޓިންގ، ކަސްޓަމަރ ރިލޭޝަންސް، އަދި ކޮރެއާގެ މާކެޓްގައި މޯލްޑިވިއަން ބްރޭންޑް ވަރުގަދަކުރުން ހިމެނޭކަމަށް އިއުލާންގައި ބުނެފައި ވެއެވެ.

ޖެނެރަލް ސޭލްސް އޭޖެންޓްގެ އެއްބަސްވުން ފުރަތަމަ ހިނގާނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި އަދި ޕަރފޯމަންސް ރިވިއުތަކުގެ މައްޗަށް ބިނާކޮށް އިތުރު ދެ އަހަރަށް އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށް އިއުލާންގައި ބުނެފައިވެއެވެ. މޯލްޑިވިއަން އިން އުއްމީދުކުރަނީ 2025 އޮކްޓޯބަރ 31 ގައި އެއްބަސްވުން ހަވާލުކޮށް، 2026 މާރިޗު މަހުގައި ހިންގަން ފެށުމަށް ރޭވިފައިވާ އޮޕަރޭޝަންތަކުގެ ކުރިން، 2025 ނޮވެމްބަރ 6 ގައި އެއްބަސްވުމުގައި ސޮއިކުރުމަށް ކަމަށް އިއުލާންގައި ބުނެފައި ވެއެވެ.

ހޮވޭ ޖެނެރަލް ސޭލްސް އޭޖެންޓް މޯލްޑިވިއަންގެ ދަތުރުތައް ޕްރޮމޯޓްކުރުމުގައާއި، ޓްރެވަލް އޭޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުންނާއެކު އޮންނަ ގުޅުން ބަދަހިކޮށް އަދި ދެކުނު ކޮރެއާގައި އެކަށީގެންވާ މާކެޓިންގއާއި ކަސްޓަމަރ ސަރވިސް ކަށަވަރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެކަމަށް އިއުލާންގައި ބުނެފައި ވެއެވެ.

ޖެނެރަލް ސޭލްސް އޭޖެންޓުން ޕްރޮޕޯސަލްތައް 7 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހަޅަން ޖެހޭނެއެވެ.

އިވެލުއޭޝަން ޕްރޮސެސްގައި ޓެކްނިކަލް އަދި ފައިނޭންޝަލް ބަޔަށް އަހައްމިއްޔަތުކަން ދެވޭނެ ކަމަށާއި މީގެ ތެރެއިން ޓެކްނިކަލް ކްރައިޓީރިއާއަށް 60 ޕަސެންޓް އަދި ފައިނޭންޝަލް ކްރައިޓީރިއާއަށް 40 ޕަސެންޓް ލިބޭނެ ކަމަށް އިއުލާންގައި ބުނެފައި ވެއެވެ. ޓެކްނިކަލް އިވެލުއޭޝަންގައި ކުންފުނީގެ ޕްރޮފައިލް، ތަޖުރިބާގެ އަހަރުތައް، އެއަރލައިން ޖެނެރަލް ސޭލްސް އޭޖެންޓުންގެ އަދަދު، އެޕޮއިންޓްމަންޓްތަކުގެ އަދަދު، އައިއޭޓީއޭ އެޕްރޫވަލް، އަހަރީ ޓާންއޯވަރ، މުވައްޒަފުންގެ ޤާބިލްކަން، ޓްރެވަލް އޭޖެންސީތަކާއި އޮންލައިން ޕްލެޓްފޯމްތަކާއެކު އޮންނަ ޕާޓްނަރޝިޕްތައް، އަދި ޑިޖިޓަލް މާކެޓިންގ ޤާބިލްކަމަށް ބެލޭނެއެވެ. ފައިނޭންޝަލް އިވެލުއޭޝަންގައި ވޭތުވެދިޔަ ތިން އަހަރުގެ އޮޑިޓް ކުރެވިފައިވާ އެކައުންޓްތައް ބަލާނެއެވެ. މީގެ ތެރޭގައި ޝެއަރހޯލްޑަރ އިކުއިޓީ، ލިކުއިޑިޓީ، އެސެޓް ޓާންއޯވަރ، ފައިދާގެ މާޖިން، އަދި ހުށަހަޅާފައިވާ ކޮމިޝަން ޕަސެންޓޭޖަށް ބެލޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.