ވިލިމާލެ ކައިރީގައި އޮތް ކާގޯ ބޯޓަކުން އިންޑިއާ މީހަކު ކަނޑަށް ވެއްޓި ގެއްލިއްޖެ

ވިލިމާލެ ކައިރީގައި އޮތް ކާގޯ ބޯޓަކުން އިންޑިއާ މީހަކު ކަނޑަށް ވެއްޓި ގެއްލިއްޖެ

Author
ޙަސަން މުޙައްމަދު
23 ސެޕްޓެމްބަރ 2025 07:13
0

ވިލިމާލެ ސަރަހައްދުގައި އޮތް އިންޑިއާގެ ކާގޯ ބޯޓަކުން އިންޑިއާގެ ރައްޔިތެއް ކަނޑަށް ވެއްޓިގެން ގެއްލި، އޭނާ ހޯދުމުގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށް ގެންދަމުން އަންނަކަމަށް އެ ފަރާތުން ހާމަކޮށްފިއެވެ.

މިރޭ 23:35 ގައި ލިބުނު މައުލޫމާތަކަށް ބިނާކޮށް އެމްއެންޑީއެފުން ބުނި ގޮތުގައި، ކަނޑަށް ވެއްޓުނު މީހާއަކީ "އެމްއެސްވީ ޑައުލާ" ނަމަކަށް ކިޔާ އިންޑިއާގެ ކާގޯ އުޅަނދެއްގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތެކެވެ. މި އުޅަނދު އޮތީ ވިލިމާލެއާ ދިމާލުން ބޭރު ސަރަހައްދުގައެވެ.

ގެއްލިފައިވާ މީހާ ހޯދުމަށް އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ފަރާތުން ވަގުތުން ފިޔަވަޅު އަޅައި، ސަލާމަތީ ބާރުތައް ބޭނުންކޮށްގެން ފުޅާ ދާއިރާއެއްގައި ހޯދުމުގެ އޮޕަރޭޝަނެއް ފަށައިފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މި ހާދިސާ ހިނގި ގޮތާއި، މީހާ ކަނޑަށް ވެއްޓުނު ސަބަބާ ބެހޭ ގޮތުން އިތުރު ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ގެއްލިފައިވާ މީހާ އަވަހަށް ފެނި، ސަލާމަތް ކުރެވޭނެ ކަމުގެ އުއްމީދުގައި ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް ސިފައިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.