އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އަދި ކެނެޑާއިން އިން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފި

އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އަދި ކެނެޑާއިން އިން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފި

Author
އަހުމަދު
21 ސެޕްޓެމްބަރ 2025 08:48
0

މެދުއިރުމަތީގައި ދެމިގެންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ސިޔާސަތުގައި ބޮޑު ބަދަލެއް އަންނަމުންދާ ކަން ފާހަގަކުރެވޭ ގޮތަށް، އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އަދި ކެނެޑާއިން ފަލަސްތީނަކީ މިނިވަން ދައުލަތެއްކަމުގައި މިއަދު ބަލައިގެންފިއެވެ. މިއީ ދެ އަހަރުވަން ގާތްވެފައިވާ ގާޒާގެ ހަނގުރާމައިގައި ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ހާލަތާ ގުޅިގެން، ހުޅަނގުގެ ބޮޑެތި ގައުމުތަކުގެ ސިޔާސަތުގައި އަންނަމުންދާ މުހިންމު ބަދަލެއްކަމުގައި ސިޔާސީ މާހިރުން ދެކެއެވެ.

އިނގިރޭސި ބޮޑުވަޒީރު ކެއާ ސްޓާމާ މި ނިންމުން އިއުލާންކުރައްވަމުން ވިދާޅުވީ، މެދުއިރުމަތީގައި އަމަންއަމާންކަން ގާއިމުކުރުމަށްޓަކައި ރައްކާތެރި އިޒްރޭލަކާއި މިނިވަން ފަލަސްތީނެއް އެކުގައި އޮތުމުގެ ފުރުސަތު އާލާކުރުމަށް އެޅި މުހިންމު ފިޔަވަޅެއްކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އިސްރާއީލާއި ފަލަސްތީނުގެ އާދައިގެ ރައްޔިތުންނަށް ސުލްހަމަސަލަސްކަމާއެކު ދިރިއުޅުމުގެ ހައްގު ލިބިދިނުމަކީ މި ވަގުތު އެންމެ މުހިންމު ކަމެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނޭސޭ ވިދާޅުވީ، މި ނިންމުމަކީ އެ ގައުމުން ކުރިއްސުރެ ވަކާލާތުކުރަމުން އައި ދެ ދައުލަތުގެ ހައްލަށް އިތުރު ބާރެއް ލިބިގެންދާނެ ފިޔަވަޅެއްކަމަށެވެ. ކެނެޑާގެ ސަރުކާރުން ވެސް ވަނީ މި ނިންމުމަށް ތާއީދުކޮށް، ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމުގެ ހައްގަށް އިހުތިރާމްކުރާ ކަން ފާހަގަކޮށްފައެވެ.

މި ތިން ގައުމުގެ ނިންމުމާއެކު، ފަލަސްތީނުގެ މިނިވަންކަން ބަލައިގަންނަ އދ. ގެ މެންބަރު ގައުމުތަކުގެ އަދަދު 75 ޕަސެންޓަށްވުރެ މައްޗަށް ޖެހިލައިފިއެވެ. މީގެ ކުރިން ސްޕެއިންއާއި ފްރާންސް ފަދަ ޔޫރަޕުގެ ގައުމުތަކުން ވެސް ވަނީ ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، އެ ގައުމުތަކާ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައެވެ.

އެމެރިކާއާއި އިޒްރޭލުން މި ނިންމުމަށް ދެކޮޅުހަދަމުން ބުނަނީ، މިއީ ހަމާސްގެ އަނިޔާވެރި އަމަލުތަކަށް ހުޅަނގުގެ ގައުމުތަކުން ދޭ އިނާމެއްކަމަށެވެ. އެހެންނަމަވެސް، ފަލަސްތީނު ބަލައިގަތް ގައުމުތަކުން ސާފުކޮށް ބުނެފައިވަނީ، ފަލަސްތީނުގެ މުސްތަގުބަލުގައި ހަމާސްއަށް އެއްވެސް ދައުރެއް ނުލިބޭނެކަމަށާއި، ފަލަސްތީނުގެ ވެރިކަން ހިންގާނީ ބައިނަލްއަގްވާމީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދިމިގްރާތީ އުސޫލުތަކުގެ މައްޗަށް ބިނާކޮށްގެންކަމަށެވެ.

މި ތާރީޚީ ނިންމުމަކީ ޒަމާނުއްސުރެ ހުޅަނގުގެ ގައުމުތަކުން ގެންގުޅުނު މެދުއިރުމަތީ ސިޔާސަތުގައި އަންނަ ބޮޑު ބަދަލެއްކަމަށް ބައިނަލްއަގްވާމީ ގުޅުންތަކުގެ މާހިރުން ދެކެއެވެ. ޚާއްސަކޮށް ގާޒާގައި ދެމިގެންދާ ހަނގުރާމައިގައި މަރުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 60،000 އަށްވުރެ އިތުރުވެފައިވާ ހާލުގައި، ދުނިޔޭގެ ގައުމުތަކުން އިޒްރޭލުގެ އަމަލުތަކާމެދު ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.