ފުވައްމުލަކު ހޯދަނޑު ސަރަހައްދުގައި ސިނގިރޭޓަކުން ރޯވެ، ބޮޑު ސަރަހައްދެއް އަނދައިފި

ފުވައްމުލަކު ހޯދަނޑު ސަރަހައްދުގައި ސިނގިރޭޓަކުން ރޯވެ، ބޮޑު ސަރަހައްދެއް އަނދައިފި

Author
އަހުމަދު
19 ސެޕްޓެމްބަރ 2025 06:08
0

ފުވައްމުލަކު ހޯދަނޑު ޗަސްބިން ސަރަހައްދުގައި މިއަދު މެންދުރުފަހު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ސަރަހައްދުގެ ގާތްގަނޑަކަށް ދިހަ ޕަސެންޓުގެ ސަރަހައްދެއް އަނދާއިފިއެވެ. މި ހާދިސާ ހިނގީ އެ ސަރަހައްދަށް ވަކި ބަޔަކު އެއްލާލި ސިނގިރޭޓަކުން ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އެމްއެންޑީއެފަށް މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު މެންދުރުފަހު 13:50 ގައި ކަމަށާއި، މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ދަށުން ހިންގާ ފުވައްމުލައް ފަޔާ ފައިޓަރުންގެ ޓީމު ވަގުތުން ހަރަކާތްތެރިވި ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.

ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގީ ކޮންމެސް ބަޔަކު އެ ތަނަށް ގޮސް ސިނގިރޭޓު ކަހަލަ އެއްޗެއް އެއްލައިގެން ކަމަށް ބޮޑަށް ލަފާކުރެވެއެވެ. އޭނާ ފާހަގަކުރެއްވީ ހުޅު ސަރަހައްދުގައި ރޯވެފައި ހުރި ތަން ފެނުނު ގޮތުން ވެސް މިކަން ކަށަވަރުވާ ކަމަށެވެ.

އަލިފާނުގެ ބޮޑު ހިސާބެއް މިވަގުތު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް، މުޅި ސަރަހައްދުގެ ދިހަ ޕަސެންޓު ވަރަކަށް އަނދާލައިފައިވާ ކަމަށް މޭޔަރު ރަފީގް ހާމަކުރެއްވިއެވެ. އެމްއެންޑީއެފުގެ ފަޔާ ފައިޓަރުން މިވަގުތު ވެސް އަލިފާން މުޅިން ނިއްވާލުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ ކުރިން އިއްޔެ ވެސް ފުވައްމުލަކު ދަނޑިމަގު ޗަސްބިން ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައިވެއެވެ. އެ ހާދިސާ އެމްއެންޑީއެފަށް ރިޕޯޓުކުރީ އިއްޔެ ހަވީރު 16:25 ގައި ކަމަށާއި، އަލިފާން މުޅިން ނިއްވާލެވުނީ 18:15 ގައި ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.