ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ޤާއިމްކުރުމަކީ ބޭންކިންގ ނިޒާމަށް ލިބޭ ކުރިއެރުމެއް: ޝަރީފް

ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ޤާއިމްކުރުމަކީ ބޭންކިންގ ނިޒާމަށް ލިބޭ ކުރިއެރުމެއް: ޝަރީފް

Author
ޙަސަން މުޙައްމަދު
11 ސެޕްޓެމްބަރ 2025 01:04
0

ރަށްރަށުގައި އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމަކީ ރައްޔިތުންނަށް ވަރަށް މުހިންމު ޚިދުމަތެއް ކަމަށާއި، މިކަމުގެ ސަބަބުން ޤައުމުގެ ބޭންކިންގ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން ގއ. ކަނޑުހުޅުދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ފާހަގަކުރެއްވީ، އައު އޭޓީއެމް ސެންޓަރުތަކުގެ ސަބަބުން ކަސްޓަމަރުންނާ ގާތުން ބޭންކިންގ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ. މިހާރު ގއ. އަތޮޅުގެ ކޮންމެ ރަށަކުންވެސް ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބެން ފެށުމުން، އެ އަތޮޅުގެ ރައްޔިތުން މި ޚިދުމަތް ހޯދުމަށް އެހެން ރަށަކަށް ދަތުރުކުރާކަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަށްރަށުގައި އޭޓީއެމް ޤާއިމްކުރުމުގެ ކުރިން ވަރަށް ގިނަ ފައިސާތަކެއް ބޭންކިންގ ނިޒާމުން ބޭރުގައި ދައުރުވަމުންދިޔަ ކަމަށް ޝަރީފް ވިދާޅުވިއެވެ. ފައިސާ ޖަމާކުރުމަށް ބޭނުންވާ ފަރާތްތަކަށް އޭޓީއެމް ހުންނަ ރަށަކަށް ދަތުރުކުރަން ޖެހުމުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި، މިހާރު މި މައްސަލަ ހައްލުވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މި އަހަރު 100 ރަށެއްގައި އޭޓީއެމް ޚިދުމަތް އަލަށް ޤާއިމްކުރުމުގެ މަސައްކަތް ބީއެމްއެލްއިން ކުރިއަށް ގެންދަމުންދާއިރު، މިހާތަނަށް ގއ. އަތޮޅުގެ އިތުރުން ހއ، ހދ، ށ، ދ، ނ، ބ، ކ އަދި މ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ޚިދުމަތް ޤާއިމްކޮށްފައިވާ ކަމަށް ބޭންކުން މަޢުލޫމާތު ދީފައިވެއެވެ.

އިޤްތިޞާދީ ވުޒާރާގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މަޝްރޫޢުގައި ރަށްރަށުގައި ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސަރވިސް އޭޓީއެމްތަކެވެ. މި އޭޓީއެމްތަކުން ފައިސާގެ މުޢާމަލާތްތަކުގެ އިތުރުން ބޭންކިންގެ އެހެނިހެން ޚިދުމަތްތައްވެސް ލިބޭނެ ކަމަށް ބީއެމްއެލުން ހާމަކޮށްފައިވެއެވެ.

މި އަހަރުގެ ނިޔަލަށް މުޅި މަޝްރޫޢު ނިންމާލުމަށް ބޭންކުން އަމާޒު ހިފާފައިވާއިރު، މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް މާލީ ބާރުވެރިކަން ލިބި، ރަށްރަށަށް އިޤްތިޞާދީ ކުރިއެރުން ލިބިގެންދާނެ ކަމަށް ބޭންކުން އުންމީދުކުރެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ވިއުގައިގައި މިހާރު 20 އަތޮޅުގައި 42 ބްރާންޗާއި، 158 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރާއި، 217 އޭޓީއެމާއި، އޭޖެންޓް ބޭންކިންގ ޚިދުމަތުގެ އިތުރުން ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތްތައް ހިމެނޭ ކަމަށާއި، ބޭންކުގެ މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.