ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭން ޖެނުއަރީމަހު އިފްތިތާހްކުރުމަށް ސަރުކާރުން ތައްޔާރުވަނީ

ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭން ޖެނުއަރީމަހު އިފްތިތާހްކުރުމަށް ސަރުކާރުން ތައްޔާރުވަނީ

Author
ޙަސަން މުޙައްމަދު
07 ސެޕްޓެމްބަރ 2025 05:53
0

ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އަންނަ ޖެނުއަރީމަހު މި ޕްލޭން އިފްތިތާހްކުރެވޭނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން މިއަދު ރާއްޖޭގެ މީޑިއާތަކާ ބައްދަލުކޮށް، "ވިލުންތެރި ރާއްޖެ 2045″ ގެ ނަމުގައި ތައްޔާރުކުރަމުންދާ މި ޕްލޭންގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. މި ޕްލޭންގެ ޑްރާފްޓިން މަސައްކަތުގެ ފުރަތަމަ ޕައިލެޓް ޕްރޮގްރާމް އިއްޔެ ކ.ގުރައިދޫން ފެށިފައިވާއިރު، ކުރިއަށްއޮތް ހަފްތާގެ ތެރޭގައި އެހެނިހެން އަތޮޅުތަކުގެ ރަށްތަކަށް ޓީމްތައް ޒިޔާރަތްކުރާނެއެވެ.

ނެކްސިއާ މޯލްޑިވްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގައި 10 ޓީމެއް އަތޮޅުތެރޭގައި ހަރަކާތްތެރިވާނެއެވެ. ތިން ހަފްތާގެ މުއްދަތުގައި މީހުން ދިރިއުޅޭ 180 ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، އުމްރާނީ އަދި އިގްތިސާދީ ތަރައްޤީއާ ގުޅޭ މައުލޫމާތު ނަގާނެއެވެ. ކޮންމެ ރަށެއްގެ ރައްޔިތުންނަށް އެމީހުންގެ ރަށް ކުރިއަށް އޮތް 20 އަހަރުގައި އޮންނަން ބޭނުންވާ ގޮތާ ބެހޭގޮތުން ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މާލީ ވުޒާރާގެ ޕްލޭނިން ޑިޕާޓްމަންޓުން ބުނި ގޮތުގައި، މަސައްކަތް ރާވާފައިވާ ގޮތަށް ކުރިއަށްދިއުމުން ޖެނުއަރީމަހު ޕްލޭން އިފްތިތާހްކޮށް، މުޅި މަސައްކަތް ޖޫންމަހުގެ ތެރޭގައި ނިންމާލެވޭނެއެވެ. 2025 އިން 2045 އަށް އަމަލުކުރާނެ މި ޕްލޭނަކީ ރާއްޖޭގެ އެންމެހައި ފަރާތްތަކުގެ ބައިވެރިވުމާއެކު އެކުލަވާލެވޭ ޝާމިލު ޕްލޭނެކެވެ.

މި ޕްލޭން އެކުލަވާލުމުގެ މައިގަނޑު މަޤްސަދަކީ 2040 ވަނަ އަހަރު ނިމޭއިރު ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ހެދުމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މުހިންމު މަސައްކަތެކެވެ. ޤައުމުގެ ތަރައްޤީގެ މަސައްކަތްތައް ދުރު ރާސްތާއަށް ވިސްނައިގެން، ލިބެންހުރި ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް، ދުނިޔޭގެ އިޤްތިޞާދާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލެވޭ ޤާބިލު ރާއްޖެއެއް ބިނާކުރުމަށް މި ޕްލޭން މަގުފަހިކޮށްދޭނެކަމަށް ސަރުކާރުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.