މަޖިލިސް އިންތިހާބު ޕްރެފެރެންޝަލް ވޯޓަކުން ބާއްވަން "ބޮޑު ބަދަލު"ން ހުށަހަޅައިފި

މަޖިލިސް އިންތިހާބު ޕްރެފެރެންޝަލް ވޯޓަކުން ބާއްވަން "ބޮޑު ބަދަލު"ން ހުށަހަޅައިފި

Author
އަހުމަދު
09 އޮގަސްޓް 2026 01:15
0

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ޕްރެފެރެންޝަލް ނުވަތަ ރޭންކްޑް ޗޮއިސް ނިޒާމަކަށް ބަދަލުކުރުމަށް، އެމްޑީޕީގެ 'ބޮޑު ބަދަލު' އޮފީހުން ތައްޔާރުކުރި ފަހުގެ ކަރުދާހުގައި ހިމަނައިފި އެވެ.

ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ގޮތުން، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ފެއްޓެވި 'ބޮޑު ބަދަލު' ކެމްޕެއިންގެ ތަފްސީލްތައް ހިމެނޭ ވެބްސައިޓް މިދިޔަ ހުކުރު ދުވަހު ވަނީ އާންމުކޮށްފަ އެވެ. އެ ވެބްސައިޓްގައި މަޖިލިސް އެކުލެވޭ ގޮތާއި އިންތިހާބީ ނިޒާމަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގެ ތަފްސީލް ވަނީ ހިއްސާކޮށްފަ އެވެ.

މިހާރު ރާއްޖޭގައި މަޖިލިސް މެންބަރުން އިންތިހާބުކުރަނީ ފަސްޓް-ޕާސްޓް-ދަ-ޕޯސްޓް ނުވަތަ ކިތަންމެ މަދު ވޯޓަކުން ނަމަވެސް އެންމެ ގިނަ ވޯޓު ލިބޭ މީހާ އިންތިހާބުވާ ނިޒާމަކުންނެވެ. މީގެ ސަބަބުން މަޖިލީހަށް އެންމެ %20 ވޯޓުން ވެސް އިންތިހާބުވެފައި ހުރި ކަމަށް 'ބޮޑު ބަދަލު’ގެ ކަރުދާހުގައި ފާހަގަކޮށްފައިވެ އެވެ. އިސްކަންދޭ ތަރުތީބުން ވޯޓުލުމުން، ހޮވޭ ކެންޑިޑޭޓަކީ ގިނަ ރައްޔިތުންގެ ތާއީދު އޮތް މީހެއްކަން ކަށަވަރުވެ، މާ ކުޑަ އަގުލަބިއްޔަތަކުން މަޖިލިސް މެންބަރަކަށް އިންތިހާބުވުމުގެ ފުރުސަތު ބަންދުވާނެ ކަމަށް ވެބްސައިޓްގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ބޮޑު ބަދަލުގެ ކަރުދާހުގައި ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ދެ ބަޔަކަށް ބަހާލައި، އެއް ބައި ރިޔާސީ އިންތިހާބާ އެކު އަދި އަނެއް ބައި ރިޔާސީ ދައުރުގެ މެދުތެރެއިން ބޭއްވުމަށެވެ. އަދި ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނާ އެންޓި-ޑިފެކްޝަން މާއްދާ އުވާލައި، އޭގެ ބަދަލުގައި ރައްޔިތުން އިސްނަގައިގެން މެންބަރުން ވަކިކުރުމުގެ ރީކޯލް ވޯޓެއް ތައާރަފުކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.

ޖިންސުގެ ހަމަހަމަކަން ކަށަވަރުކުރުމުގެ ގޮތުން، ވ. އަތޮޅު ފިޔަވައި ކޮންމެ އަތޮޅަކުންނާއި ކޮންމެ ސިޓީއަކުން މަދުވެގެން އެއް ގޮނޑި އަންހެނުންނަށް ހާއްސަކޮށް، 24 އަންހެނުން މަޖިލީހަށް އިންތިހާބުވާ ގޮތަށް ވެސް ބޮޑު ބަދަލުން ވަނީ ހުށަހަޅާފައެވެ. ވ. އަތޮޅުން އިންތިހާބުކުރާނީ އެންމެ މެންބަރެކެވެ. މުޅި ޖުމްލަ އަތޮޅުތަކުން 63 ގޮނޑި އަދި ސިޓީތަކުން 26 ގޮނޑި ކާމިޔާބުކުރާނީ ކޮންމެ އަތޮޅަކުންނާއި ސިޓީއަކުން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓުންނެވެ.

ޕްރެފެރެންޝަލް ވޯޓިން ސިސްޓަމަކީ ބައެއް ގައުމުތަކުގައި މިހާރު ވެސް އަމަލުކުރަމުންދާ ނިޒާމެކެވެ. އަވައްޓެރި ސްރީ ލަންކާގައި ރިޔާސީ އިންތިހާބާއި، އިންޑިއާގައި ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ވޯޓުގައި މި ސިސްޓަމް ބޭނުންކުރެ އެވެ. ހުރިހާ ވޯޓެއްގައި ވެސް މި ނިޒާމު ބޭނުންކުރާ ގައުމުތަކުގެ ގޮތުގައި މަޝްހޫރުވެފައިވަނީ އޮސްޓްރޭލިއާ އާއި އަޔަލޭންޑެވެ. އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ގައުމުތަކުގައި ލޯކަލް ކައުންސިލަރުން އިންތިހާބުކުރުމަށް ވެސް މި ނިޒާމު ބޭނުންކުރެ އެވެ.

ޕްރެފެރެންޝަލް ވޯޓިން ނިޒާމުގައި، ވޯޓު ދޭން ޖެހޭނީ ކުރިމަތިލާ ކެންޑިޑޭޓުން ރޭޓުކޮށްގެންނެވެ. އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަކަށް އެކެއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ދޭއް، މިފަދަ ގޮތަކަށެވެ. އެއް މީހަކު އިންތިހާބުކުރާ ދާއިރާތަކުގައި، 50%އަށް ވުރެ ގިނަ މީހުން އެއް ކެންޑިޑޭޓަކަށް 'އެކެއް’ގެ ރޭންކިންގައި ވޯޓު ދީފި ނަމަ، އެ ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބުކުރެވޭނެ އެވެ. އެފަދަ ކެންޑިޑޭޓެއް ނެތް ނަމަ، އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑޭޓު އުނިކުރުމަށްފަހު ދެން ބަލާނީ 'ދޭއް' ރޭޓިންއަށެވެ. މި ބުރުތައް ކުރިއަށްދާނީ ކޮންމެވެސް ކެންޑިޑޭޓަކަށް %50 ހަމަވަންދެންނެވެ.

ގިނަ މީހުން އެއް ދާއިރާއަކުން އިންތިހާބުކުރާ ނަމަ، އިންތިހާބުވާ މީހާ ކަނޑައަޅަނީ %50 އަގުލަބިއްޔަތަކުން ނޫނެވެ. އޭގެ ބަދަލުގައި ބޭނުންކުރަނީ މެތެމެޓިކަލް ތްރެޝޯލްޑެއް ނުވަތަ ކޯޓާއެކެވެ. ގޮނޑި ކާމިޔާބުކުރަން ބޭނުންވާ ވޯޓުގެ އަދަދު ހިސާބުކުރަނީ، ވޯޓުލީ މީހުންގެ ޖުމްލަ އަދަދާއި އެ ދާއިރާއަކުން އިންތިހާބުކުރަން ޖެހޭ މެންބަރުންގެ އަދަދަށް ބަލައިގެންނެވެ. ފުރަތަމަ އިހްތިޔާރުގެ ވޯޓުން ކޯޓާ ހަމަވާ ކެންޑިޑޭޓުން އިންތިހާބުވާނެ އެވެ. ކޯޓާއަށް ވުރެ އިތުރަށް ލިބުނު ވޯޓުތައް ނިސްބަތުން ބަހާލެވޭނީ، އެ ކެންޑިޑޭޓަށް ވޯޓު ދިން މީހުން ދެން އެންމެ ބޭނުންވި ކެންޑިޑޭޓުންނަށެވެ. ހުރިހާ ގޮނޑިއެއް ފުރެންދެން މި ބުރުތައް ކުރިއަށްދާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.