ހޫނު މޫސުމުގައި ވެސް ހަމަސް ނުފުރޭ ތުއްތު ކުދިންނަށް ކަރުހިއްކުން ފިލުވުމުގެ ގޮތުން ފެން ދިނުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށާއި، އެއީ ކުއްޖާގެ ސިއްހަތަށް ސީރިއަސް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ސޯޝަލް މީޑިއާގައި މި ނަސޭހަތް ހިއްސާކޮށްފައި ވަނީ، ހޫނު ދުވަސްވަރު ކުޑަކުދިންނަށް ފެން ޖައްސާ މައިންގެ އަދަދު ގިނަވަމުންދާ ދަނޑިވަޅެއްގައެވެ. އެ އެޖެންސީން ފާހަގަކުރި ގޮތުގައި، މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެން ކަމަށްވުމުން، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ބޭނުންވާ ހުރިހާ ފެނެއް ގާތުން ދޭ ކިރުން ފުދޭނެއެވެ.
މީގެ އިތުރުން، މައިމީހާގެ ކިރަކީ ތުއްތު ކުއްޖާގެ އުމުރުން ފުރަތަމަ ހަ މަހުގެ ތެރޭގައި ހަށިގަނޑަށް ބޭނުންވާ ހަކަތައާއި ކާނާގެ މާއްދާތަކާއި ފެން ވެސް ފުރިހަމައަށް ފޯރުކޮށްދޭ އެއްޗެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. ހޫނު ދުވަސްވަރު ދަރިފުޅު ފެންމަދުވިޔަނުދޭން ބޭނުންނަމަ، އާދައިގެ މަތިން ދޭ ވަރަށްވުރެ ގިނައިން ކިރު ދިނުމަށް އިރުޝާދު ދީފައިވެއެވެ.
ޑޮކްޓަރުން ވެސް ދެއްވާ އެންމެ މުހިންމު އެއް ނަސޭހަތަކީ މި އުމުރުގައި ދަރިފުޅަށް ހަމައެކަނި މައިކިރު ދިނުމެވެ. މައިކިރު ނުދެވޭ ހާލަތުގައި ފޯމިއުލާ ކިރު ދިނުމަށް ލަފާ ދެއްވައެވެ. ފެން ދިނުމުން ކުރިމަތިވެދާނެ އެންމެ ބޮޑު އެއް ނުރައްކަލަކީ "ވޯޓާ އިންޓޮކްސިކޭޝަން" ނުވަތަ ފެން ވިހަވުމެވެ. ހަމަސް ނުވާ ކުދިންގެ ކިޑްނީ އަދި ފުރިހަމައަށް ހެދިބޮޑުވެފައި ނުވާތީ، ހަށިގަނޑަށް އެތެރެވާ އިތުރު ފެން ބޭރުކުރުމުގެ ގާބިލުކަން އެ ކުދިންގެ ކިބައިގައި ނުހުރެއެވެ. މީގެ ސަބަބުން ލޭގައި ހުންނަ ސޯޑިއަމް މިންވަރު ދަށްވެ، ސިކުނޑިއަށާއި ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ބޮޑެތި ގެއްލުންތައް ލިބުމުގެ ފުރުސަތު އޮވެއެވެ.
ކޮމެންޓު ފޮނުވާ