އެކި ސަބަބުތަކާ ހުރެ އެންމެ 10 ދުވަހެއްގެ ތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެއްޖެ އެވެ.
ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މީހުން މަރުވެފައި ވަނީ މިދިޔަ މަހު 25 އިން މިދިޔަ ހޯމަ ދުވަހާ ދެމެދު އެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 21 އަހަރާއި 47 އަހަރާ ދެމެދުގެ ހަތް ފިރިހެނުންނާއި އުމުރުން 70 އަހަރުގެ އަންހެނެކެވެ.
ހައި ކޮމިޝަނުން ދިން މައުލޫމާތަށް ބަލާއިރު، މަސައްކަތު މާހައުލުގައި ހިނގި އެކްސިޑެންޓެއްގައި 21 އަހަރުގެ ޒުވާނަކާއި 23 އަހަރުގެ ޒުވާނަކު މަރުވެފައިވެ އެވެ. މީގެ އިތުރުން، ސްޓްރޯކް ޖެހިގެން 45 އަހަރުގެ ދެ މީހަކާއި 44 އަހަރުގެ މީހަކާއި 47 އަހަރުގެ މީހަކު މަރުވެފައިވާއިރު، ހާޓް އެޓޭކެއް ޖެހިގެން 70 އަހަރުގެ އަންހެންމީހާ ވަނީ މަރުވެފަ އެވެ. އަދި އަމިއްލައަށް މަރުވި ކަމަށް ބެލެވޭ 37 އަހަރުގެ މީހެއްގެ މައްސަލަ ދިވެހި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާ ހަވާލާދީ ވިއުސް ބަންގްލަދޭޝް ނޫހުގައި ބުނެފައި ވަނީ، އާއިލާއާ ދުރުގައި ދިގު މުއްދަތަކަށް އުޅެން ޖެހުމާއި މާލީ ދަތިކަމާއި ނަފްސާނީ ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުން މަސައްކަތްތެރިންގެ މެދުގައި ސްޓްރޯކާއި ހިތުގެ ބަލިތައް ފަދަ ސިއްހީ ކުއްލި ނުރައްކާތައް އިތުރުވަމުންދާ ކަމަށެވެ.
ހައި ކޮމިޝަނުން ބުނި ގޮތުގައި، ދިވެހި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަރުވި މީހުންގެ ހަށިގަނޑުތައް އެ ގައުމަށް ފޮނުވުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މިހާތަނަށް ދެ މީހެއްގެ ހަށިގަނޑު ފޮނުވާލެވިފައިވާއިރު، ބާކީ ތިބި މީހުންގެ ހަށިގަނޑު ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިދިޔަ ބުދަ ދުވަހު ވަނީ ރިޕޯޓުކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ