ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށްދޭ ގައުމިއްޔަތެއް ބިނާކުރުމުގެ މުހިންމުކަން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ފާހަގަކުރައްވައިފިއެވެ.
ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހައްގުތައް ލިބިދިނުމުގައި ހުދޫދެއް އޮންނަންޖެހޭ ކަމަށް ވިދާޅުވެފައިވާ ވަގުތެއްގައި، ނަޝީދު ވިދާޅުވެފައިވަނީ ރާއްޖޭގައި ބިނާކުރަންޖެހޭ ގައުމިއްޔަތަކީ އިސްލާމީ މަތިވެރި އުސޫލުތަކުގެ އިތުރުން އިންސާނީ ހައްގުތައް ކަށަވަރުކޮށްދީ، ޑިމޮކްރެޓިކް ހަމަތަކުގެ މައްޗަށް ބިނާވެފައިވާ، ރައްޔިތުންނަށް ފާގަތިކަމާއި ތަނަވަސްކަން ހޯދައިދޭ ގައުމިއްޔަތަކަށް ވާންޖެހޭނެ ކަމަށެވެ.
މި ވާހަކަތައް ދެކެވެމުންދަނީ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ކަންބޮޑުވުންތަކެއް އުފެދިފައިވާ ވަގުތެއްގައެވެ. ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްހަންނާން އަބޫބަކުރު މީޑިއާތަކުގެ މައްސަލަ ބެލުމަށް އާ ކޮމިޝަނެއް އުފެއްދުމަށް ހުށަހަޅާފައިވާ ބިލަކާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާއި މީޑިއާ ކައުންސިލުން ވަނީ ބޮޑު ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމްޖޭއޭ އާއި އެމްއެމްސީން ފާހަގަކުރައްވާ ގޮތުގައި، މި ބިލު ފާސްވެއްޖެނަމަ ސަރުކާރަށް މީޑިއާތައް ކޮންޓްރޯލްކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. ބިލުގައި ބުނާ ގޮތުން އާ ކޮމިޝަނުގައި ހިމެނޭ ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން މީޑިއާތަކުން އިންތިހާބުކުރި ނަމަވެސް، އެ މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންދާނެއެވެ. ބާކީ ތިން މެންބަރުން އައްޔަންކުރާނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރަސީއެއްގެ މައިގަނޑު ރުކުންތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައިވާއިރު، މިފަދަ ބިލަކުން އެ މިނިވަންކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމުގެ ބިރު އުފެދިފައިވާކަން ނޫސްވެރިންގެ ޖަމްއިއްޔާތަކުން ފާހަގަކުރައްވައެވެ.
ކޮމެންޓު ފޮނުވާ