ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ޝަރަފުގެ ހިނގާލުމެއް ބާއްވައިފިއެވެ. ބަންޑާރަކޮށިން ފެށިގެން ކަޅުތުއްކަލާ ކޮށްޓާ ހަމައަށް ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި އެމްއެންޑީއެފްގެ އިތުރުން މާލޭގެ 15 ސްކޫލަކުން 316 ކެޑޭޓުން ބައިވެރިވިއެވެ.
މާލޭގެ މައި މަގުތަކުން ކުރިއަށް ގެންދިޔަ މި ޝަރަފުގެ ހިނގާލުން ބެލުމަށް ގިނަ އަދަދެއްގެ ރައްޔިތުންނާއި ކުޑަކުދިން މަގުމަތީގައި ޖަމާވެފައި ވެއެވެ. ހިނގާލުމުގެ ތެރޭގައި އެކި ސަރަހައްދުތަކުގައި މަޑުކޮށްގެން ސިފައިންގެ ބޭންޑުން އެކި މިއުޒިކް ހުށަހެޅުންތައް ހުށަހަޅައިދިން އިރު، މި މަންޒަރުތައް ބެލި ކުޑަކުދިން ވަރަށް އުފާވެރިވިއެވެ.
ހިނގާލުން ބެލުމަށް މަގުމަތީގައި ތިބި ކުޑަކުދިން ހާމަކުރި ގޮތުގައި އެމްއެންޑީއެފްގެ ހިނގާލުމާއި ބޭންޑުގެ ހުށަހެޅުންތައް ވަރަށް ކަމުދާ ކަމަށާއި، މިފަދަ ޕެރޭޑެއް ބޭއްވުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށް ބުނެފައިވެއެވެ. ޤައުމީ ދުވަހުގެ މި ޚާއްޞަ ހިނގާލުމުން މާލޭގެ މަގުތައް ޒީނަތްތެރިވެ، ޤައުމީ ރޫޙު އިތުރަށް ފާޅުކަން ބޮޑުވިއެވެ.
ކޮންމެ އަހަރަކުވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ، 15 އަހަރާއި 6 މަސް ދުވަހުގެ ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކުރެއްވި އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން (އުތީމު ބަންޑާރައިން) އާއި އެ ޖިހާދުގައި ބައިވެރިވި ދިވެހި ބަޠަލުންގެ ޚިދުމަތް ހަނދާންކޮށް ޒިކުރާ އާކުރުމަށް ފާހަގަކުރާ ދުވަހެކެވެ.
ކޮމެންޓު ފޮނުވާ