ޣާޒީ މުޙައްމަދު ތަކުރުފާނުގެ ތަރިކަތައް ހިމާޔަތްކޮށް އާމްދަނީ ހޯދުމަށް ހިންގާ ޚާއްސަ މަޝްރޫޢުގެ ދަށުން ހއ. އުތީމުގައި ބޮޑުތަކުރުފާނު ދޮރޯށީގެ ބިންގާ އަޅައިފިއެވެ.
މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އުތީމަށް ކުރެއްވި ދަތުރުފުޅުގައި މި ބިންގާ އަޅުއްވައި ދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމްއެވެ.
ބޮޑުތިލަދުންމަތީގައި ހުންނަ ތާރީޚީ ތަރިކަތަކުގެ ތެރެއިން ޚާއްސަކޮށް 1558 ވަނަ އަހަރު ޕޯޗުގީޒުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށް ބޮޑުތަކުރުފާނު ކުރެއްވި ޖިހާދާ ގުޅުންހުރި އާސާރުތަކާއި ތަރިކަތައް ރައްކާތެރިކޮށް ދެމެހެއްޓުމަކީ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދެވެ. މި ތަރިކަތަކުގެ ތެރޭގައި އެ ތަކުރުފާނުގެ އުފަންރަށް އުތީމުގެ އިތުރުން ބާރަށާއި ތަކަންދޫގައި ހުރި މުހިންމު އާސާރުތައް ހިމެނެއެވެ.
ދިގު ޒަމާނެއްވަންދެން މި ތާރީޚީ ތަރިކަތައް ބެލެހެއްޓުމުގެ ޒިންމާ އުފުލަމުން އައީ އެ ސަރަހައްދުގެ ރައްޔިތުން ނަމަވެސް، އެކަށީގެންވާ ސަމާލުކަން ނުލިބުމުގެ ސަބަބުން ޤަދީމީ ބައެއް މުހިންމު ތަރިކަތައް ވަނީ ގެއްލި ނެތިދާފައެވެ. މިފަދަ ތަރިކަތަކަކީ ޤައުމެއްގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ އިތުރުން، ފަތުރުވެރިން ޖަޒުބާކޮށް އިޤުތިޞާދީ ފައިދާ ލިބޭނެ މުހިންމު ވަސީލަތްތަކެއްކަން ދުނިޔޭގެ އެހެން ޤައުމުތަކުގެ ތަޖުރިބާއިން ސާބިތުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤުތިޞާދީ ސިޔާސަތުގެ ދަށުން ތަރިކައިގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރެވެއެވެ. މިގޮތުން ޣާޒީ ބަންޑާރައިން މުޙައްމަދު ތަކުރުފާނާ ގުޅުންހުރި ތަރިކަތައް ރައްކާތެރިކޮށް، ޒަމާނީ ފެންވަރަށް ތައްޔާރުކޮށް، ދުނިޔޭގެ ފަތުރުވެރިންނަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މި މަޝްރޫޢަކީ ހަމައެކަނި ތާރީޚީ ތަރިކަ ހިމާޔަތްކުރުމަށް، ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް އިޤުތިޞާދީ ފުރުޞަތުތައް ފަހިކޮށްދީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށްވެސް އަމާޒުކޮށްގެން ހިންގާ މުހިންމު މަޝްރޫޢެއްކަން ވަޒީރުން ފާހަގަކުރައްވައެވެ.
ކޮމެންޓު ފޮނުވާ