މަތީ ސާނަވީ ތަޢުލީމު ފުޅާކުރުމަށް، އިތުރު 5 ރަށެއްގައި އޭ ލެވެލް ފެށުމަށް ތައްޔާރުވަނީ

މަތީ ސާނަވީ ތަޢުލީމު ފުޅާކުރުމަށް، އިތުރު 5 ރަށެއްގައި އޭ ލެވެލް ފެށުމަށް ތައްޔާރުވަނީ

Author
ހުސައިން
23 އޮގަސްޓް 2025 02:49
0

ކުރިއަށް އޮތް ދިރާސީ އަހަރުން ފެށިގެން ރާއްޖޭގެ އިތުރު ފަސް ރަށެއްގައި އޭ ލެވެލް ނުވަތަ މަތީ ސާނަވީ ތަޢުލީމު ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމައިފި އެވެ. މި ނިންމުމަކީ ރަށްރަށުގައި ތިބެގެން މަތީ ސާނަވީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެޅޭ މުހިންމު ފިޔަވަޅެކެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުޙައްމަދު، ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވާހަކަދައްކަވަމުން ވިދާޅުވީ، މި އަހަރުގެ ސާނަވީ އިމްތިޙާނުގައި ރަށްރަށުގެ ގިނަ ސްކޫލުތަކުގެ ދަރިވަރުން ވަރަށް ރަނގަޅު ނަތީޖާތައް ހޯދާފައިވާ ކަމަށެވެ. މި ކާމިޔާބީތަކުގެ އަލީގައި، ރަނގަޅު ނަތީޖާ ހޯދި ދަރިވަރުން ގިނަ ރަށްރަށުގައި މަތީ ސާނަވީ ފެށުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، މި ފުރުސަތު ލިބޭނީ އެކަށީގެންވާ އަދަދަކަށް ގްރޭޑް 10 ނިންމާ ދަރިވަރުން އެ ރަށެއްގައި ތިބި، އަދި އެ ދަރިވަރުން މަތީ ސާނަވީއަށް ކިޔަވަން ޝައުޤުވެރިވާ ރަށްރަށަށެވެ. މިނިސްޓްރީން ބުނި ގޮތުގައި މިއީ ތަޢުލީމީ ފުރުސަތުތައް ސަސްޓެއިނަބަލް ގޮތެއްގައި ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.

ޑރ. އަހުމަދު ވިދާޅުވި ގޮތުގައި، އޭ ލެވެލް ފުޅާކުރުމުގައި ސަސްޓެއިނަބިލިޓީއަށް ބަލައި، ރަނގަޅު ނަތީޖާ ހޯދާފައި ތިބި ގިނަ ދަރިވަރުންތަކެއް އެ ރަށެއްގައި މަޑުކޮށްގެން ތިބެގެން މަތީ ސާނަވީއަށް ކިޔަވަން ބޭނުންވާ ނަމަ، މިހާރު ގެންގުޅޭ މިންގަނޑުތަކުގެ ތެރެއިން މި އަހަރުގެ ތެރޭގައި އިތުރު ސްކޫލުތަކަށް އޭ ލެވެލް ފެށުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ.

މި ފުރުސަތު ލިބޭނީ ކޮން ފަސް ރަށެއްގެ ކޮން ސްކޫލުތަކަކަށް ކަން އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެކަމަކު މި ނިންމުމަކީ ރަށްރަށުގެ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.