ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުންނާއި ނޫސްވެރިންގެ ޖަމްއިއްޔާތަކުން ފާޑިކިޔައިފިއެވެ. ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލުގައި މީޑިއާތަކާއި ނޫސްވެރިންނާ މެދު ބޮޑެތި ފިޔަވަޅުތައް އެޅުމުގެ ބާރުތައް ހިމަނާފައިވާ ކަމަށްބުނެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރުންތަކެއް ތިއްބަވައިގެން ނޫސްވެރިކަން ރެގިއުލޭޓް ކުރުމަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުމަށް ސަރުކާރުން އަޅާ ފިޔަވަޅެއް ކަމަށެވެ.
"ނޫސް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމާނާކޮށް، މީޑިއާތަކުގެ ލައިސަންސާއި ނޫސްތަކުގެ ރަޖިސްޓްރީ ބާތިލްކުރުމުގެ ބާރު ރައީސްގެ ފަރާތުން ރިޔާސަތު ބަލަހައްޓަވާ ކައުންސިލަކަށް ދިނުމަކީ ނުރައްކާތެރި ކަމެއް،" ޝާހިދު ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު އިތުރަށް ވިދާޅުވީ، މިއީ ރާއްޖެ ބަލައިގަތް ޒަމާނީ ޑިމޮކްރަސީއަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި، ހުދުމުހުތާރު ވެރިކަމެއްގެ އަސާސީ ސިފައަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލައި ނޫސްވެރިން ބިރުވެރިކަމުގައި ބޭތިއްބުން ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ، މި ބިލަކީ ރާއްޖޭގެ މިނިވަންކަން ނެތިކޮށްލުމަށް ރައީސް މުއިއްޒު ރާއްވަވާގެން ކުރައްވާ މަސައްކަތެއް ކަމަށެވެ. މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވީ، މީޑިއާއަކީ ޑިމޮކްރަސީގެ މައިބަދަ ކަމަށްވާއިރު، މި ބިލުން ނޫސްވެރިންނާއި މީޑިއާތަކަށް ލިބެންޖެހޭ ހިމާޔަތް ނިގުޅައިގަނެވި، ރެގިއުލޭޓަރީ ކޮމިޝަނުގެ ސީދާ ބާރު ރައީސަށް ލިބޭނެ ކަމަށެވެ.
"ސަރުކާރުގެ ބާރު އޮންނަ މި ކައުންސިލުތައް ބޭނުންކޮށްގެން ތަފާތު ހިޔާލުތައް ފާޅުކުރުމުގެ ހުރިހާ ދޮރެއް ބަންދުކުރުމުގެ ބޭނުމުގައި މިނިވަން މީޑިއާތައް ބްލޮކްކުރުމާއި ބޭން ކުރުން އަދި ޖޫރިމަނާކުރުމުގެ ފުރުސަތު ފަހިވާނެ،" ފައްޔާޒު ވިދާޅުވި އެވެ.
ބިލުގައި ބުނާ ގޮތުން، މިހާރު އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އަލަށް އުފައްދާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ހަތް މެމްބަރުން ހިމެނޭ މި ކޮމިޝަނުގައި ރައީސް އައްޔަން ކުރާ ތިން މެމްބަރުން ތިބޭނެ އެވެ.
އަލަށް އުފައްދާ ކޮމިޝަނަށް ލިބޭ ބާރުތަކުގެ ތެރޭގައި މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމާއި، މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލު ކުރުމާއި، ވެބްސައިޓްތައް ބްލޮކް ކުރުމާއި، ޓީވީ ޗެނަލްތަކުގެ ބްރޯޑްކާސްޓު ހުއްޓުވުން ހިމެނެ އެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލައިފަ އެވެ. މި ދެ ޖަމްއިއްޔާއިން ބުނީ، މީޑިއާގެ ބާރުތައް ހަނިކޮށް މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭ ގޮތަށް ބިލު އެކުލަވާލައިފައިވާ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ވިދާޅުވީ، އެތައް ގުރުބާނީތަކެއް ދީގެން ދިވެހި ނޫސްވެރިކަން މިހާ ހިސާބަށް ދަތުރުކޮށްފައި އޮއްވާ، ހަގީގަތް ހާމަކުރުމަކީ އަދަބު ލިބޭ ކުށެއްގެ ގޮތުގައި އޮތް ޒަމާނަކަށް އަނބުރާ ނުދެވޭނެ ކަމަށާއި، މިނިވަން ނޫސްވެރިކަން ނަގާލަން ސަރުކާރަށް ފުރުސަތު ނުދޭނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ