ބޯހިޔާވަހިކަމުގެ ބިލަށް ހައުސިން ލިސްޓު ހާމަކުރުމާބެހޭ އިސްލާހެއް ހުށަހަޅައިފި

ބޯހިޔާވަހިކަމުގެ ބިލަށް ހައުސިން ލިސްޓު ހާމަކުރުމާބެހޭ އިސްލާހެއް ހުށަހަޅައިފި

Author
ހުސައިން
16 އޮގަސްޓް 2025 10:56
0

ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދޭ އުސޫލު ހާމަކުރުމާއެކު، މި ސްކީމްތަކަށް ކުރިމަތިލާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމަށް ބޯހިޔާވަހިކަމުގެ ބިލަށް އިސްލާހެއް ހުށަހަޅައިފިއެވެ. މި އިސްލާހު ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

ކުޑޫގެ އިސްލާހުގައި ހިމެނެނީ ސޯޝަލް ހައުސިން ޕްރޮގްރާމްތަކަށް އެދޭ ފަރާތްތަކުގެ ލިސްޓެއް އާންމުކޮށް، އެ ލިސްޓުގައި ކުރިމަތިލި ފަރާތުގެ ފުރިހަމަ ނަން، ދާއިމީ އެޑްރެސް، ޝަރުތު ހަމަވާ މިންވަރު އަދި ލިބުނު ޕޮއިންޓްގެ ތަފުސީލު ހިމަނަން ޖެހޭނެ ކަމަށެވެ.

އޭޕްރިލް 22 ގައި މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދު ސަރުކާރުގެ ފަރާތުން ހުށަހެޅި ބޯހިޔާވަހިކަމުގެ ބިލުގައި ވަނީ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލައި، ދަފުތަރުކުރެވޭ ފަރާތްތަކުގެ މައުލޫމާތު އާންމުކުރާއިރު ޒާތީ މައުލޫމާތު ނުހިމެނޭނެ ކަމަށެވެ.

ކޮމިޓީ މަރުހަލާގައި މިހާރު އޮތް މި ބިލާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ދަ ޑިމޮކްރެޓްސްއިން މޭ 20 ގައި ނެރުނު ބަޔާނެއްގައި ވަނީ މި ބިލަކީ ހަމަހަމަކަމާއި ދެމެހެއްޓެނިވި ގޮތެއްގައި ދުރުރާސްތާގެ މަސްލަހަތުތަކަށް ރިއާޔަތްކޮށް އެކުލަވާލެވިފައިވާ ބިލެއް ނޫންކަމަށެވެ.

ޑިމޮކްރެޓްސްއިން ފާހަގަކުރި ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނެނީ ލާމަރުކަޒީ ގާނޫނާ ބިލު ފުށުއެރުމާއި، ލޯކަލް ކައުންސިލްތަކަށް ހައުސިން މަޝްރޫއުތައް ހިންގުން މަނާކޮށް މިނިސްޓްރީއަށް ބާރު ދިނުމާއި، ފެންވަރު ދަށް ބޯހިޔާވަހިކަމުގެ މިންގަނޑު ލާޒިމުކުރުމެވެ. އަދި ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުމުން އެހެން ސްކީމްތަކަށް ބަދަލުވެވޭނެ ނިޒާމެއް ނެތުމާއި، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކައުންސިލް ހައުސިން ނިޒާމެއް ނެތުމެވެ.

މީގެ އިތުރުން ސޯޝަލް ހައުސިން ލިބޭ ފަރާތުން ޝަރުތު ފުރިހަމަ ނުވެއްޖެނަމަ ޝަރުއީ މަރުހަލާއެއް ނުހިމެނި އެ ތަން އަތުލެވޭ ގޮތަށް އޮތުމާއި، ފައިސާ ދައްކައި މިލްކުވެފައިވާ ތަނެއް ކުއްޔަށް ދޫކުރުން މަނާކުރުމާއި، ބޯހިޔާވަހިކަމުގެ ދަފުތަރު އާންމުކުރަން ނުޖެހޭ ގޮތަށް އޮތުން ފަދަ މައްސަލަތައް ވެސް ޑިމޮކްރެޓްސްއިން ފާހަގަކޮށްފައިވެއެވެ.

ކުޑޫގެ މި އިސްލާހު ހުށަހެޅުނީ ސަރުކާރުން އެފްޑީސީ މެދުވެރިކޮށް ކުރިއަށް ގެންދާ 4000 ފްލެޓުގެ މަޝްރޫއުގައި ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުނުކުރުމުން އުފެދިފައިވާ ކަންބޮޑުވުންތައް އިތުރުވަމުން އަންނަ ވަގުތެއްގައެވެ. މި އިސްލާހުގެ ބޭނުމަކީ ހައުސިން ސްކީމްތަކުގައި ޝަފާފުކަން އިތުރުކޮށް، ޕޮއިންޓް ދިނުމުގެ ނިޒާމު ހާމަކަން ބޮޑު ގޮތެއްގައި ހިންގުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.