ލޯކަލް ކައުންސިލްތަކުގެ މާލީ އިހްތިޔާރުތައް ހިފަހައްޓާ ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނަ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ ރައްޔިތުންގެ އަޑު ނާހާކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ފާހަގަކުރެއްވީ، 100 އަށްވުރެ ގިނަ ކައުންސިލުން މި ބިލާ ދެކޮޅަށް ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައިވާއިރު، އެ އަޑުތަކަށް އެއްވެސް އަހުލުވެރިކަމެއް ނުދައްކައި ރައީސް މި ބިލު ތަސްދީގުކޮށްފައި ވާކަމަށެވެ.
"100 އަށްވުރެ ގިނަ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ބަޔާންތަކަށް އެއްވެސް މިންވަރެއްގެ އަޅާލުމެއް ބަލާލުމެއްނެތި ބީރުކަންފަތެއްދެއްވައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިސްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމުން ސާބިތުކޮށްދިނީ ލާމަރުކަޒީ ނިޒާމުގެ އުސޫލުތައް ފުނޑުފުޑުކޮށްލުމަށް ބޭނުންފުޅުވުމުގެ އިތުރަށް ރައްޔިތުންގެ އަޑު އަށްސަވަންވެސް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުނުވާކަމެވެ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، މި ބަދަލުތައް ރައްޔިތުން ބަލައިނުގަންނާނެ ކަމަށާއި، ކުރިން އޮތް ގޮތަށް މި ކަންކަން ރައްޔިތުންނަށް އަލުން ހޯދައިދޭނެ ކަމަށެވެ.
ތަސްދީގުކުރެވުނު އިސްލާހުގައި ކައުންސިލްތަކުގެ ދައުރު ހަމަވުމާ ދެމެދު 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް މެނުވީ ވަކި ކަންތައްތަކެއް ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މިގޮތުން ކައުންސިލްތަކަށް ދާއިމީ ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި، ކައުންސިލްގެ އިހްތިސާސްގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި، ތަރައްގީ ޕްލޭންގައި ނުހިމެނޭ އާ މަޝްރޫއުތައް ފެށުން ފަދަ ކަންކަން މަނާކުރެވިފައިވެ އެވެ.
އަދި ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ވިޔަފާރީގެ ހަރަކާތްތަކަށް ޝަރުތުތަކެއް ކަނޑައެޅި، ގާނޫނާ ތައާރުޒުވާނަމަ 90 ދުވަހުގެ ތެރޭގައި އެ ހަރަކާތްތައް ހުއްޓާލަންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ. ހަމައެއާއެކު، ސަރުކާރުން އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ ބިންތަކާއި އިމާރާތްތަކުން ކައުންސިލްތަކަށް ކުލި ނުނެގޭނެ ކަމަށްވެސް އިސްލާހުގައި ހިމަނާފައިވެ އެވެ.
ކޮމެންޓު ފޮނުވާ