ބްރެޒިލްގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ ގޭބަންދު ކުރުމަށް އަމުރު ނެރެފިއެވެ. މިއީ 2022 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބާތިލުކޮށް ބަގާވާތެއް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ހިންގަމުންދާ ޝަރީއަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅެކެވެ.
ފަނޑިޔާރު އެލެގްޒެންޑާ ދި މޮރޭސް ނެރުއްވި މި އަމުރުގެ ދަށުން ބޮލްސޮނާރޯއަށް މުލާގާތް ކުރެވޭނީ ހަމައެކަނި އޭނާގެ އާއިލާގެ މެންބަރުންނާއި ގާނޫނީ ވަކީލުންނަށެވެ. އަދި އޭނާގެ ގޭގައި ހުރި ހުރިހާ މޯބައިލް ފޯނެއް ވެސް އަތުލާނެކަމަށް ވަނީ އަންގާފައެވެ.
ދައުލަތުގެ ފަރާތުން ތުހުމަތު ކުރާގޮތުގައި ބޮލްސޮނާރޯ އަކީ ހަތިޔާރު އުފުލި ޖިނާއީ ގްރޫޕެއްގެ ލީޑަރެކެވެ. އަދި އޭނާ ވަނީ ޑިމޮކްރެޓިކް ނިޒާމު ބާރުގެ ބޭނުންކޮށްގެން ފުނޑުފުނޑުކޮށް، ގައުމުގެ އިދާރީ ހިންގުން ހަލާކުކުރަން މަސައްކަތް ކޮށްފައި ކަމަށް ވެސް ބުނެއެވެ.
ފަނޑިޔާރު މޮރޭސްގެ ވިދާޅުވުމުގައި ބޮލްސޮނާރޯ ވަނީ ސުޕްރީމް ކޯޓަށް ހަމަލާދިނުމަށް އުފެއްދުންތެރިކަން ގެނައުމުގެ އިތުރުން، ބްރެޒިލްގެ އަދުލު އިންސާފުގެ ނިޒާމަށް ބޭރު ގައުމުތަކުން ތަދައްޚުލުވުމަށް ހާމަކަން ބޮޑު ގޮތެއްގައި ގޮވާލާފައެވެ. ގައުމީ ފެންވަރުގައި ވެސް މި ފަދަ މެސެޖުތައް ފަތުރާފައިވާކަމަށް ތުހުމަތު ކުރެއެވެ.
2022 ވަނަ އަހަރުގެ އިންތިޚާބުގައި ވަނީ ވާމަފިޔާގެ ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ކާމިޔާބު ހޯއްދަވާފައެވެ. އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރާ ބޮލްސޮނާރޯގެ ސަޕޯޓަރުން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ބްރެޒިލްގެ ނޭޝަނަލް ކޮންގްރެސް އާއި އެހެނިހެން ސަރުކާރުގެ އިމާރާތްތަކަށް ވަދެ ބޮޑު ހަމަނުޖެހުންތަކެއް ހިންގި ކަމަށް ރިޕޯޓު ކުރެވެއެވެ.
ބަގާވާތުގެ ކުށް ސާބިތުވެއްޖެނަމަ ބޮލްސޮނާރޯއަށް 12 އަހަރުގެ ޖަލު ހުކުމެއް ކުރެވިދާނެއެވެ. އެހެންނަމަވެސް ބޮލްސޮނާރޯ ވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ހުރިހާ ތުހުމަތެއް ދޮގުކޮށްފައެވެ.
މި މައްސަލަ ބަލަހައްޓަވާ ފަނޑިޔާރު މޮރޭސް އަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކާ ދެކޮޅަށް ފިޔަވަޅު އަޅުއްވާފައިވާ ފަނޑިޔާރެކެވެ.
ކޮމެންޓު ފޮނުވާ