އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރަޝިޔާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވްގެ ފަރާތުން ދެވުނު އިންޒާރުތަކަށް ރައްދުދެއްވުމުގެ ގޮތުން، ނިއުކްލިއާ ބާރުގަދަ ދެ ސަބްމެރީން ތައްޔާރީ ހާލަތަށް ގެނެސް، މުހިންމު ސަރަޙައްދުތަކަށް ފޮނުވުމަށް އަމުރު ކުރައްވައިފިއެވެ.
ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި، މެޑްވެޑޭވްގެ ބަސްތައް "މޮޔަ އަދި ފިތުނަވެރި" ކަމުގައި ނަންގަވައި، މިފަދަ ބަސްތަކުން ބޮޑު ކަންތައްތައް ކުރިމަތިވެދާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ސަބްމެރީންތައް ބޭނުންކުރުމަށް ނިންމެވި ކަމަށް ވިދާޅުވިއެވެ. "ބަސްތަކުގެ ބާރު ވަރަށް ބޮޑު. ގިނަ ފަހަރަށް ގަސްތުނުކުރާ ނަތީޖާތައް ނުކުމެދާނެ. މިކަމުން އެފަދަ ހާދިސާއެއް ދިމާނުވާނެ ކަމަށް އުންމީދުކުރަން،" ޓްރަމްޕް ލިޔުއްވިއެވެ.
މި ދެ ލީޑަރުންގެ ދެމެދުގައި ހޫނު ބަސްތަކުގެ ހަމަލާތައް ފެށިގެން އައީ، މިދިޔަ އަންގާރަ ދުވަހު ޓްރަމްޕް، ޔޫކްރެއިންގެ ހަނގުރާމަ ނިންމާލުމަށް ރަޝިޔާއަށް 10 ދުވަހުގެ މުއްދަތެއް ދެއްވި ދުވަހުންނެވެ. މި މުއްދަތުގެ ތެރޭގައި ހަނގުރާމަ ނުހުއްޓުވައިފިނަމަ، ރަޝިޔާއާއި އެ ޤައުމުން ތެޔޮ ގަންނަ ޤައުމުތަކުގެ މައްޗަށް ބޮޑެތި ޓެރިފްތައް ނަންގަވާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވިއެވެ.
ޓްރަމްޕްގެ މި ބަސްފުޅުތަކަށް ރައްދުދެއްވަމުން، ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ނައިބު ޗެއާމަން މެޑްވެޑޭވް ވިދާޅުވީ، އެމެރިކާގެ ރައީސް "އަލްޓިމޭޓަމްގެ ގޭމެއް" ކުޅުއްވަމުން ގެންދަވާ ކަމަށެވެ. ޓްރަމްޕް "ބަސްމަގު ހިފަހައްޓަން" އިޝާރާތް ކުރެއްވުމުން، ރަޝިޔާގައި ސޯވިއެޓް ޒަމާނުގެ ނިއުކްލިއާ ހަތިޔާރުތަކުގެ އެންމެ ފަހުގެ ގާބިލުކަން އަދިވެސް ހުރިކަން މެޑްވެޑޭވް ފާހަގަކުރެއްވިއެވެ.
2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް ފުޅާދާއިރާއެއްގައި ހަމަލާދިން ފަހުން، މެޑްވެޑޭވްއަކީ ހުޅަނގާ ދެކޮޅަށް އެންމެ ކަރުނަ ބަހުން ވާހަކަދައްކަވާ ރަޝިޔާގެ އިސްވެރިންގެ ތެރެއިން އެކަކަށް ވެފައި ވެއެވެ. އޭނާގެ ބަސްތަކަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުން ދިޔަ ނަމަވެސް، ހުޅަނގުގެ ޑިޕްލޮމެޓުންގެ ތެރެއިން ބައެއް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި، މެޑްވެޑޭވްގެ ބަސްތަކުން ކްރެމްލިންގެ އިސް ވެރިންގެ ހަގީގީ ވިސްނުންފުޅު ފެންނަން އެބަހުއްޓެވެ.
ކޮމެންޓު ފޮނުވާ