ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ދިގު ކިޔޫތައް ކުރުކުރުމަށް 15 ޖީޕީ ކްލިނިކް ގާއިމްކުރަނީ

ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ދިގު ކިޔޫތައް ކުރުކުރުމަށް 15 ޖީޕީ ކްލިނިކް ގާއިމްކުރަނީ

Author
ހުސައިން
31 ޖުލައި 2025 11:54
0

ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް ކުރިމަތިވާ ދިގު ކިޔޫތަކުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން 15 ޖެނެރަލް ޕްރެކްޓިޝަނާސް (ޖީޕީ) ކްލިނިކް ގާއިމްކުރުމަށް ސަރުކާރުން ނިންމައި، އެކަމަށް ބަޖެޓު ހަމަޖައްސައިފިއެވެ. މި ކްލިނިކްތަކަކީ ޕްރައިމަރީ އާބަން ކެއާ ހެލްތު ކްލިނިކްތަކެކެވެ.

މާލޭ ހޮސްޕިޓަލްތަކުގެ ގްރޫޕްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، ފުރަތަމަ ޖީޕީ ކްލިނިކް އޮގަސްޓް މަހު ހުޅުވޭނެއެވެ. މި ޕްރޮގްރާމްގެ ދަށުން މާލޭގައި 4 ޖީޕީ ކްލިނިކާއި ހުޅުމާލޭގައި 2 ޖީޕީ ކްލިނިކް ހުޅުވުމުގެ މަސައްކަތް ކުރިއަށް ގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ކްލިނިކްތައް ހުޅުވުމުން ބަލިމީހުންނަށް ލިބޭނެ ފަސޭހަތަކުގެ ތެރޭގައި، ފުރަތަމަ ޖީޕީ ކްލިނިކަށް ގޮސް އިނީޝިއަލް ޑައަގްނޯސިސް ހެދުމަށްފަހު، ސީދާ އެ ކްލިނިކުން ބަލިމީހާގެ ބައްޔާ ގުޅޭ ސްޕެޝަލިސްޓް ޑޮކްޓަރަށް އެޕޮއިންޓްމަންޓް ހަމަޖައްސައިދިނުން ހިމެނެއެވެ. މިގޮތުން ބަލިމީހުން ވެއިޓިންގ ލިސްޓުގައި ތިބެންޖެހޭ މުއްދަތު ވަރަށް ބޮޑަށް ކުރުވާނެކަމަށް ހަލީމް ވިދާޅުވިއެވެ.

ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަން ކިޔޫގައި ދިގު މުއްދަތަކަށް ތިބެންޖެހޭ މައިގަނޑު ސަބަބަކީ ބައެއް ސްޕެޝަލިޓީ ދާއިރާތަކުގައި ޑޮކްޓަރުން މަދުވުން ކަމަށް ހަލީމް ވިދާޅުވިއެވެ. އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް އެއްކޮށްލުމުން 32 ސްޕެޝަލިސްޓް ހިދުމަތް ފޯރުކޮށްދެވޭ ނަމަވެސް، ބައެއް ސްޕެޝަލިޓީ ދާއިރާތަކުގައި ހިދުމަތް ދެނީ އެންމެ ޑޮކްޓަރަކު ނުވަތަ ދެ ޑޮކްޓަރުން ކަމަށް އޭނާ ހާމަކުރެއްވިއެވެ.

މި މައްސަލަ ހައްލުކުރުމުގެ ގޮތުން ސްޕެޝަލިސްޓް ޑޮކްޓަރުން ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ހަލީމް ވިދާޅުވިއެވެ. މިއީ ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ބަލިމީހުންނަށް ލިބޭ ހިދުމަތްތައް ރަނގަޅުކޮށް، ހިދުމަތް ހޯދަން ކުރަންޖެހޭ ދިގު އިންތިޒާރު ކުރުކުރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.