އުމްރާ ފައިސާ ނަގައި ލަނޑުދިން މައްސަލާގައި އަސްކޮއި ހުއްދަ ހިފަހައްޓާ އިތުރު ފިޔަވަޅު އަޅައިފި ހަރުކަށި ފިޔަވަޅު

އުމްރާ ފައިސާ ނަގައި ލަނޑުދިން މައްސަލާގައި އަސްކޮއި ހުއްދަ ހިފަހައްޓާ އިތުރު ފިޔަވަޅު އަޅައިފި ހަރުކަށި ފިޔަވަޅު

Author
ހުސައިން
31 ޖުލައި 2025 11:52
0

އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައިގެން އެންމެ ފަހު ވަގުތު ލަނޑުދިން މައްސަލައެއްގައި އިސްލާމިކް މިނިސްޓްރީން އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ އުމްރާ ހުއްދަ ހިފަހައްޓައި، އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.

މި މައްސަލާގައި އުމްރާއަށް ދިއުމަށް އަސްކޮއި ކުންފުންޏަށް ފައިސާ ދެއްކި އެތައް ބަޔަކު ވަނީ އެމީހުންނަށް ލަނޑު ލިބިފައި ނުވާކަން ފާހަގަކޮށް، ފުލުހުންނާއި އިސްލާމިކް މިނިސްޓްރީއަށް ޝަކުވާ ހުށަހަޅައިފައެވެ. ބައެއް މީހުން މި ދަތުރަށް 25،000 ރުފިޔާ ދައްކާފައިވާއިރު، ފުރަންޖެހޭ ތާރީޚުގެ ތިން ދުވަސް ކުރިން ކުންފުނީގެ އެއްވެސް ހަބަރެއް ލިބިފައި ނުވާކަން އެމީހުން ބުނެއެވެ.

މައްސަލަ ތަޙުޤީޤުކުރުމަށްފަހު އިސްލާމިކް މިނިސްޓްރީން ނިންމީ އަސްކޮއި ކުންފުންޏާއި އެކުންފުނީގެ ހިއްސާދާރުންނާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށެވެ. މިގޮތުން ކުންފުނި ޖޫރިމަނާކުރުމުގެ އިތުރުން، އަސްކޮއި ކުންފުންޏާއި އެކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް މުސްތަޤުބަލުގައި އުމްރާ ހުއްދަ ނުދިނުމަށް ނިންމައިފިއެވެ.

މީގެ އިތުރުން މިނިސްޓްރީން އެންގީ މިއަހަރުގެ ޖުލައި މަހުގެ އުމްރާ ދަތުރަށް ކުރިން ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެމީހުންގެ ފައިސާ އަނބުރާ ދޭން އަސްކޮއި ކުންފުންޏަށެވެ. ހަމައެއާއެކު މި މައްސަލާގައި ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހަޅާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ މި ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަސައްކަތް ފަސްޖެހުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

މިއީ އަސްކޮއި ކުންފުންޏާ ގުޅޭގޮތުން ފާއިތުވި ދުވަސްތަކުގައި ފެންމަތިވި ފުރަތަމަ މައްސަލައެއް ނޫންކަން ފާހަގަކުރެވެއެވެ. މިދިޔަ ރޯދަ މަހު އުމްރާ ދަތުރަށް ފައިސާ ނަގައިގެން މީހުން ނުގެންދިޔުމުގެ މައްސަލައެއްގައި އިސްލާމިކް މިނިސްޓްރީން ވަނީ އަސްކޮއި ކުންފުނި 130،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.