ތައިލެންޑާއި ކެމްބޯޑިއާގެ ސަރަހައްދީ ވާދަވެރިކަމުގެ ސަބަބުން ހިނގަމުންދިޔަ ހަނގުރާމަ ނިމުމަކަށް އައިސްފިއެވެ. ދެ ގައުމުގެ ލީޑަރުން މެލޭޝިޔާގައި ބައްދަލުކޮށް، ވަގުތުން ހަތިޔާރު ބޭނުންކުރުން ހުއްޓާލުމަށް އެއްބަސްވެފައިވެއެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ މެދުވެރިކަމާއެކު ބޭއްވުނު މުހިންމު ބައްދަލުވުމުގައި ތައިލެންޑުގެ ވަގުތީ ބޮޑުވަޒީރު ޕުމްތަމް ވެޗަޔާޗާއާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ހުމް މަނެޓް ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި ދެ ފަރާތުން ވެސް އެކަކު އަނެކަކަށް އިލްޒާމު އެޅުވި ނަމަވެސް، އެންމެ ފަހުން ސުލްހައިގެ މަގަށް ދިއުމަށް ނިންމައިފިއެވެ.
ހަފުތާއެއްހާ ދުވަހު ކުރިއަށް ދިޔަ މި ހަނގުރާމައިގައި 35 މީހަކު ޝަހީދުވެ، 200 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ. ދެ ގައުމުގެ ސަރަހައްދީ ދަތިތަކުގެ ސަބަބުން ދިމާވި މި ހާދިސާތަކުން ދެ ގައުމުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
އިއްޔެ ރޭ ފެށިގެން މި އެއްބަސްވުން އަމަލީ ސިފަ އަންނާނެ ކަމަށް ރިޕޯޓުތަކުން ހާމަވެއެވެ. މި އެއްބަސްވުމުގައި އެއްވެސް ޝަރުތެއް ނުހިމެނޭ ކަމަށާއި، ދެ ފަރާތުން ވެސް ފުރިހަމައަށް އަމަލުކުރުމަށް އެއްބަސްވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ސަރަހައްދީ ގޮތުން ގުޅުންހުރި މި ދެ ގައުމުގެ ދެމެދުގައި މިފަދަ ހާދިސާތައް ދިމާވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އެހެންކަމުން މި ސުލްހަ އެއްބަސްވުމަކީ ދެ ގައުމުގެ ރައްޔިތުންނަށް އުންމީދުގެ އަލިކަމެއް ގެނެސްދޭނެ ކަމެއް ކަމުގައި ބެލެވެއެވެ.
ކޮމެންޓު ފޮނުވާ