ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އިހުތިފާލުތަކުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު މާލެ ވަޑައިގެންފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރަސްމީ ދައުވަތަކަށް ކުރައްވާ މި ދަތުރުގައި ދެ ގައުމުގެ ލީޑަރުންގެ މެދުގައި މުހިންމު މަޝްވަރާތަކެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
މޯދީގެ މި ޒިޔާރަތުގައި ރައީސް މުއިއްޒުގެ އިތުރުން ކުރީގެ ރައީސުން ކަމުގައިވާ އިބްރާހިމް މުހައްމަދު ސޯލިހް އާއި މުހައްމަދު ނަޝީދާ ވެސް ވަކިވަކިން ބައްދަލުކުރައްވާނެ ކަމަށް އެނގިފައިވެ އެވެ. މި ބައްދަލުވުންތަކުގައި ދެ ގައުމުގެ ދެމެދުގައި ހިންގަމުންދާ މުހިންމު މަޝްރޫއުތަކާއި ކުރިމަގުގެ ގުޅުންތައް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެ އެވެ.
ދެ ގައުމުގެ ވެރިންގެ މެދުގައި ބޭއްވޭ ރަސްމީ މަޝްވަރާތަކުގައި މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ސޮއިކުރި އެއްބަސްވުން ތަންފީޒުވަމުންދާ މިންވަރު ދިރާސާކުރުން ހިމެނޭނެ އެވެ. މީގެ އިތުރުން ދެ ގައުމު ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ގެދޮރުވެރިޔާ ފްލެޓު ޕްރޮޖެކްޓް ފަދަ މަޝްރޫއުތައް މޯދީ ރަސްމީކޮށް ހުޅުވައިދެއްވާނެ އެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގައި ރާއްޖެ ޒިޔާރަތްކުރައްވާ ފުރަތަމަ ބޭރު ގައުމެއްގެ ވެރިޔަކީ މޯދީ ކަމުގައިވާއިރު، މިއީ އޭނާ ދިވެހިރާއްޖެއަށް ކުރައްވާ ތިންވަނަ ދަތުރެވެ. މީގެ ކުރިން 2018 އާއި 2019 ވަނަ އަހަރު މޯދީ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު އިންޑިއާ ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވި ނަމަވެސް، ވެރިކަމަށް އައުމަށްފަހު ރާއްޖޭގެ އިގްތިސާދީ ހާލަތު ދަތިވުމާ ގުޅިގެން އިންޑިއާއާއެކު ގުޅުން އަލުން ބަދަހިކުރުމަށް މަސައްކަތް ފެއްޓެވި އެވެ.
އިންޑިއާއިން ވަނީ ފާއިތުވި ތަނުގައި ރާއްޖެއަށް 800 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ހަމަޖައްސައިދީ، ރާއްޖެއިން ދައްކަންޖެހޭ ލޯނުތައް ރީސްޓްރަކްޗަރ ކުރުމުގައި އެހީތެރިވެދީފަ އެވެ.
ކޮމެންޓު ފޮނުވާ