ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަރި ފިލިޕް ކުޓީނިއޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޮޕަރޭޝަނެއް ކޮށްފިއެވެ.
އެ އޮޕަރޭޝަން ކާމިޔާބުކަމަށް ބާސާއިން ވަނީ ހާމަކޮށްފައެވެ. އަދި އެ އަނިޔާއިން އެއްކޮށް ރަނގަޅުވުމަށް ކުޓީނިއޯ ތިން މަސް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށްވެސް އެ ކުލަބުން ވަނީ ބުނެފައެވެ. ކުޓީނިއޯއަށް އަނިޔާވީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެރޭ ސްޕެނިޝް ލީގުގައި އަމިއްލަ ދަނޑުގައި އެއިބާއާ 1-1 ން ބާސާ އެއްވަރުވި މެޗުގައެވެ.
މިދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކަށް ކުޅުނު ކުޓީނިއޯއށް އަނިޔާވިއިރު، އޭނާއަށް މި ސީޒަނުގައި މިހާތަނަށް ބާސާއަށް ކުޅެދީފައިވަނީ އެންމެ 14 މެޗެވެ. އެގޮތުން މީގެ ކުރިން އޮކްޓޯބަރު މަހުގެ ތެރޭގައިވެސް ކުޓީނިއޯއަށް ވަނީ އަނިޔާގެ ސަބަބުން ބައެއް މެޗުތައް ގެއްލިފައެވެ. އެ ފަހަރު އަނިޔާވީ ކުޓީނިއޯގެ ފައިގެ ފަލަމަސްގަނޑަށެވެ.
ކޮމެންޓު ފޮނުވާ